ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނުގެ މެމްބަރުކަމަށް ހަބީބް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވާފައިވަނީ މި މަހުގެ 15 ގައެވެ.
މިއަދު މަޖިލީހުން ނެގި ވޯޓުގައި އެމަގާމަށް ހަބީބް އައްޔަންކުރުމަށް ފާސްކުރީ 74 މެންބަރުންގެ ވޯޓާއެކުގައެވެ. އަދި، އެމަގާމަށް ހަބީބް އައްޔަން ކުރުމަށް ނުފެންނަ ކަމަށް ތިން މެންބަރަކު ވޯޓު ދީފައިވެއެވެ.
އެޗްއާރުސީއެމްގެ މެމްބަރެއް ގޮތުގައި މީގެ ކުރިން ހުންނެވީ ޑރ. އަހުމަދު އަދުހަމް އަބްދުﷲ އެވެ. އެ މަޤާމު ހުސްވެފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ މަޤާމުން އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މީގެ ކުރިން އީސީގެ މެމްބަރުކަމުގައި ހުންނެވި ހަބީބުގެ މެމްބަރުކަމުގެ ދައުރު ހަމަވެފައިވަނީ މިދިޔަ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ ވަނ އީސީގައި 21 އަހަރު މަސައްކަތް ކުރައްވާފައެވެ.
ޤާނޫނު ބުނާގޮތުން ކޮންމެ ބޭފުޅަކަށްވެސް އީސީގެ މެމްބަރުކަން ކުރެއްވެނީ ދެ ދައުރެއްގައެވެ. އީސީގެ ނައިބު ރައީސް ކަމުގައި ހަބީބް އެ ކޮމިޝަނުގެ މެމްބަރުކަން ދެ ދައުރެއްގައި ކުރައްވާފައިވާތީ އޭނާއަށް އިތުރު ދައުރެއް އަދައެއް ނުކުރެއްވެއެވެ.



