މަގުމަތީ ބާޒާރު ނުވަތަ ނައިޓް މާކެޓުތައް 10 ދުވަހުގެ މުއްދަތަކަށް ބޭއްވޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން އުސޫލު ބަދަލުކޮށްފިއެވެ.
މީގެ ކުރިން އެ އުސޫލު އޮންނަ ގޮތުން މިފަދަ މާކެޓުތައް ބޭއްވޭނީ ގިނަ ވެގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.
10 ދުވަހުގެ މުއްދަތަކަށް އިތުރުކޮށްފައިވަނީ 'ފެއާ' ނައިޓްމާކެޓް ނުވަތަ މަގުމަތީ ބާޒާރު ހިންގުމުގެ ހުއްދަ ދޫކުރުމުގައި އަމަލުކުރާނެ އުސޫލަށް އިއްޔެ އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުންނެވެ. އެގޮތުން އުސޫލަށް ގެނެސްފައިވާ ހަމައެކަނި ބަދަލަކީ މުއްދަތު 10 ދުވަހަށް ބަދަލުކުރުމެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި ބަދަލަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ. އިއްޔެ މިނިސްޓްރީން ވަނީ މި އިސްލާހު ގެޒެޓުކޮށްފައެވެ.



