ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އީރާނުގެ އައު ރައީސް ޑޮކްޓަރ މަސްއޫދު ޕެޒެޝްކިއާންއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ މެސެޖުގައި އިރާނުގެ ނުވަވަނަ ރައީސް ޑޮކްޓަރ ޕެޒެޝްކިއާން އެ ޤައުމުގެ ރައީސްގެ މަޤާމާ ހަވާލުވެޑައިގެންނެވުމާ ގުޅިގެން ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި އީރާނުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީން، އެޤައުމުގެ އައު ރައީސްގެ ދުރުވިސްނިވަޑައިގަންނަވާ ލީޑަރޝިޕާއެކު މުސްތަޤުބަލު ބައްޓަންކުރުމަށް އެޤައުމުގެ ޢާންމު ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދޭހަކޮށްދޭކަމުގައި ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
އެމަނިކުފާނުގެ މެސެޖުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
މި މެސެޖުގައި ރައީސް ވަނީ އީރާނުގެ ރައީސަށް ހެޔޮއެދުންތައް ފޮނުއްވައި އެމަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އީރާނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާ އަދި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާފައެވެ.



