ތެހެރާނަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަމާސްގެ އެންމެ އިސް ޕޮލިޓިކަލް ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަވެފައިވާ ކަމަށް ހަމާސް އާއި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސް އިން ބުނެފި އެވެ. އެ ހާދިސާ ހިނގިއިރު ހަނިއްޔާ ހުންނެވީ ރައީސް މަސޫދު ޕެޒެޝްކިއަންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަން ތެހެރާނުގައެވެ.
އައިއާރުޖީސީގެ ބަޔާނުގައިވާ ގޮތުން އޭނާގެ ގާޑުންގެ ތެރެއިން އެއް ގާޑަކާއެކު ހަނިއްޔާ މަރާލާފައިވަނީ އޭނާގެ ތެހެރާނުގެ ގެކޮޅުގައި ކަމަށް ރިޕޯޓްކޮށްފައިވާއިރު، ސައުދީ އަރަބިއްޔާގެ އަލް އަރަބިޔާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ މަރާލާފައިވަނީ ރޭ ދަންވަރު 2 ޖެހިއިރުއެވެ.


