އިންޓަނެޓްގެ އެހީތެރިކަމެއް ނެތި، ހަމައެކަނި ބްލޫޓޫތު މެދުވެރިކޮށް މަސައްކަތްކުރާ އާ މެސެޖިން އެޕެއް ކަމަށްވާ 'ބިޓްޗެޓް' ތައާރަފުކޮށްފި އެވެ. ޓްވިޓާގެ ކުރީގެ ސީއީއޯ އަދި ބްލޮކްގެ މިހާރުގެ ސީއީއޯ ޖެކް ޑޯސީ، މިދިޔަ އާދީއްތަ ދުވަހު ތާއާރަފުކުރި މި އެޕަކީ އިންޓަނެޓާނުލައި، ސީދާ ފޯނުތަކާ ދެމެދު މެސެޖް ބަދަލުކުރެވޭ ޕީއާ-ޓު-ޕީއާ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ އެޕެކެވެ.
ޑޯސީ އާދީއްތަ ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ "ބްލޫޓޫތު މެޝް ނެޓްވޯކް" ތަކާއި، މެސެޖް ރައްކާކޮށްފައި ފަހުން ފޮނުވުމުގެ ނިޒާމުތަކާއި، އަދި މެސެޖްތައް އެންކްރިޕްޓްކުރުމުގެ މޮޑެލްތަކާ ގުޅޭގޮތުން އޭނާ ކުރައްވަމުން ގެންދަވާ އަމިއްލަ ތަޖުރިބާއެއް ކަމަށެވެ.
ބިޓްޗެޓް މަސައްކަތްކުރަނީ ބްލޫޓޫތު މެޝް ނެޓްވޯކްތައް ބޭނުންކޮށްގެންނެވެ. މާނައަކީ، މި އެޕް ބޭނުންކުރާ ފޯނުތައް ކައިރިވުމުން އޭގެ އަމިއްލަ ނެޓްވޯކެއް އުފެދި، އެއް ފޯނުން އަނެއް ފޯނަށް މެސެޖްތައް ފޮނުވަނީ އެވެ. މީގެ ސަބަބުން ވައިފައި ނުވަތަ ފޯނުގެ ހިދުމަތް ނުލިބޭ ހާލަތެއްގައި ވެސް، އާދައިގެ ބްލޫޓޫތުގެ ރޭންޖަށް ވުރެ ދުރަށް މެސެޖް ފޮނުވިދާނެ އެވެ.
ބިޓްޗެޓްގެ އެންމެ މުހިންމު އެއް ސިފައަކީ ޕްރައިވެސީއަށް ދީފައިވާ އަހައްމިއްޔަތުކަމެވެ. މިގޮތުން މެސެޖްތައް ފޮނުވަނީ އެންކްރިޕްޓްކޮށްފައި ކަމުން، މެދުވެރިވާނެ މަރުކަޒީ ސާވާއެއް ނުހުންނާނެ އެވެ. މެސެޖްތައް ރައްކާކުރެވިފައި ހުންނާނީ ހަމައެކަނި ބޭނުންކުރާ މީހާގެ ފޯނުގަ އެވެ. އަދި އާންމު ގޮތެއްގައި މެސެޖްތައް ވަގުތުކޮޅަކުން އަމިއްލައަށް ފިލައިގެންދާނެ އެވެ.
މީގެ ސަބަބުން، އިންޓަނެޓް ކަނޑާލާފައިވާ ހާލަތްތަކުގަޔާއި، ސަރުކާރުތަކުން މުއާސަލާތީ ހިދުމަތްތައް ބްލޮކްކުރާ ވަގުތުތަކުގައި ވެސް މި އެޕް ބޭނުންކޮށްގެން މުއާސަލާތު ކުރެވިދާނެ އެވެ. މިއީ 2019 ވަނަ އަހަރު ހޮންކޮންގުގައި ކުރި މުޒާހަރާތަކުގައި ބޭނުންކުރި ބްލޫޓޫތު އެޕްތަކާ އެއްފަދަ ކޮންސެޕްޓެކެވެ.
މި އެޕްގައި ގްރޫޕް ޗެޓް ނުވަތަ "ރޫމް"ތައް ހެދުމުގެ ފުރުސަތު ވެސް އޮވެ އެވެ. މިފަދަ ރޫމްތަކަށް ހޭޝްޓެގް ބޭނުންކޮށްގެން ނަން ދެވި، ޕާސްވޯޑަކުން ރައްކާތެރި ކުރެވިދާނެ އެވެ. އަދި ވަގުތީ ގޮތުން އޮފްލައިންގައި ހުންނަ މީހުންނަށް މެސެޖް ފޮނުވުމަށް "ސްޓޯ އެންޑް ފޯވާޑް" ގެ ފީޗާ ވެސް ހިމެނެ އެވެ.
މިއީ ވަޓްސްއެޕް ނުވަތަ މެސެންޖާ ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން ހިންގާ އެޕްތަކާ މުޅިން ތަފާތު އެޕެކެވެ. ބިޓްޗެޓް ބޭނުންކުރުމަށް އެއްވެސް އެކައުންޓެއް، ފޯނު ނަންބަރެއް، ނުވަތަ އީމެއިލެއް ބޭނުމެއް ނުވެ އެވެ. އަދި ބޭނުންކުރާ މީހުންގެ އެއްވެސް ޑޭޓާއެއް ވެސް ނުނަގަ އެވެ.
އެގޮތުން، ބިޓްޗެޓްގެ ބީޓާ ވާޝަން މިހާރު ޓެސްޓްފްލައިޓް އިން ލިބެން ހުރިއިރު، އެޕްގެ ޓެކްނިކަލް ތަފްސީލުތައް ހިމެނޭ ކަރުދާހެއް ގިޓްހަބް ގައި ވަނީ ޝާއިއުކޮށްފައެވެ.







