އޮލިމްޕިކް ބެޑްމިންޓަން އިވެންޓުގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ (ނަބާ) އަށް ދެވަނަ މެޗަކީ ޗެލެންޖިންގ މެޗެކެވެ. އޭނާ ކުޅެން ޖެހުނީ ދުނިޔޭގެ ރޭންކިންގ 73 ވަނަ އެސްޓޯނިއާގެ ކްރިސްޓީން ކުބާ އާ ދެކޮޅަށެވެ. އަންހެން ސިންގަލްސްގެ ދުނިޔޭގެ 111 ވަނައިގައި އޮތް ނަބާ ބަލިވީ 21-7، 21-9 ގެ ނަތީޖާއަކުންނެވެ.
ނަބާ މެޗު ފެށީ އިތުބާރާއެކު، ފުރަތަމަ ކުބާއާ ދެކޮޅަށް ކޯޓުގައި ރަނގަޅު ފައިޓެއް ދީގެންނެވެ. ނަމަވެސް ކުބާ ވަނީ އޭނާގެ ތަޖުރިބާގެ ބޭނުން ހިފައިގެން ފުރަތަމަ ސެޓް ކޮންޓްރޯލްކޮށް، ނަބާއަށް އެންމެ ހަތް ޕޮއިންޓްދީ 21-7 އިން މޮޅުވެފައެވެ.
ދެވަނަ ސެޓުގައި ނަބާ 3-3 އިން އެއްވަރުކޮށް، ފަހުން 4-4 އިން ނަތީޖާ ހަމަހަމަ ކުރިއެވެ. ނަބާ ވަރަށް ހިތްވަރު ކުރިއެވެ. ނަމަވެސް 21-9 އިން އެސެޓުވެސް ނަބާއަށް ގެއްލުނީއެވެ.
ނަބާ ދެމެޗުންވެސް ބަލިވިއިރު، ފުރަތަމަ މެޗު އިންޑިއާގެ ޕީވީ ސިންދޫއާ ދެކޮޅަށް ކުޅެ 21-9، 21-0 އިން އިންޑިއާ މޮޅުވީ އެވެ. މި ދެ ބަލިވުމާއެކު ނަބާގެ އޮލިމްޕިކް ދަތުރު ވަނީ ނިމުމަކަށް އައިސްފައެވެ. އެހެނަސް، ދެ އޮލިމްޕިކް ގޭމްސްގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ ބެޑްމިންޓަން ކުޅުންތެރިޔާގެ ޝަރަފު އޭނާއަށް ލިބުނީއެވެ.
މިއަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ފަސް އެތުލީޓުން ވާދަކުރާއިރު، މިއީ މިހާތަނަށް އޮލިމްޕިކްސްއަށް ދިޔަ އެންމެ ބޮޑު ބެޗެވެ.



