ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލު ކުރުމަށް އެކުލަވާލައިފައިވާ ޕޯޓަލްގެ އެކްސެސް ކައުންސިލްތަކަށް ދީ، ރާއްޖޭގެ ހުރިހާ ރަށަކުން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ހޯމްލޭންޑް އެންޑް ސެކިއުރިޓީގެ ޓީމެއް ލ. އަތޮޅުގައި މި މަސައްކަތުގައި ޢަމަލީގޮތުން އަންނަނީ ބައިވެރިވެ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވަމުންނެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާޢީދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތައް ޤަވާޢިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކ. ހިންމަފުއްޓާއި މާފުށީގައެވެ.
ހޯމްލޭންޑް މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ކުރަނގި އޮޕަރޭޝަނުގެ ޕޯޓަލް އަށް އެކްސެސްވެވޭނެ ގޮތް މިހާރު ހަދާފައިވާ ކަމަށާއި، އެއާއެކު ރާއްޖޭގައި ހުރިހާ ރަށެއްގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.
ބިދޭސީން ޤަވާޢިދުގެ ތެރެއަށް ވެއްދުމަށްޓަކައި މި މަސައްކަތް ކުރުމަށް ކައުންސިލްތަކަށް ވަނީ ފިންގަރ ޕްރިންޓް މެޝިން ހަދިޔާކޮށްފައެވެ. އަދި މިކަމަށްޓަކައި ހޯމްލޭންޑް މިނިސްޓްރީން ވަނީ ޚާއްސަ އެޕްލިކޭޝަނެއް ވެސް ހަދާފައެވެ.
ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ހައްލުކުރުމެވެ. އެޕްލިކޭޝަން މެދުވެރިކޮށް މަޢުލޫމާތު އެއްކުރެވުމާއެކު، އަހަރެއްގެ ތެރޭގައި އެމީހުން ޤަވާޢިދުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ފަށާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުންޏެވެ.
މި މަސައްކަތަކީ ހޯމްލޭންޑް މިނިސްޓްރީއާއި، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.



