ރާއްޖޭގެ ތިން ސްކޫލަކަށް ޕާކިސްތާނު ހައި ކޮމިޝަނުން އެހީ ފޯރުކޮށްދީފިއެވެ.
ޕާކިސްތާނު ހައި ކޮމިޝަނުން އެހީ ފޯރުކޮށްދިން ތިން ސްކޫލަކީ މަދްރަސަތުލް އަމީރު އަޙްމަދު ޕްރީސްކޫލް، ކެންގަރޫ ކިޑްސް އަދި ބިލަބޯންގް ހައި އިންޓަނޭޝަނަލް ސްކޫލެވެ. މި ތިން ސްކޫލަށް އެހީގެ ގޮތުގައި ޓީވީ އަދި ކޮމްޕިއުޓަރުތަކެއް ވަނީ ހަދިޔާކޮށްފައެވެ.
ޕާކިސްތާނު ހައި ކޮމިޝަނުގެ އެހީ ހަވާލުކުރުމަށްޓަކައި ބިލަބޯންގް ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރ) މުޙައްމަދު ފައްޔާޒް ގިލާނީ ވިދާޅުވީ މިތަކެތި ހަވާލުކުރެއްވުމަށް ލިބުނު ފުރުސަތާމެދު ވަރަށް އުފާކުރުރައްވާ ކަމަށެވެ.
ތަޢުލީމީ ނިޒާމުގައި ސައިންސާއި ޓެކްނޮލޮޖީގެ މުހިންމުކަން ފާހަގަކުރައްވާ ހައި ކޮމިޝަނަރު ވިދާޅުވީ ޓީވީ އަދި ކޮމްޕިއުޓަރުތަކުގެ ސަބަބުން ޑިޖިޓަލްކޮށް އުނގެނުމުގެ މާހައުލު އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ޕާކިސްތާންގެ ހައި ކޮމިޝަނާގެ އިތުރުން ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްގުރުނައިން އަޙްމަދު އާއި އައިލެންޑާސް އެޑިޔުކޭޝަންގެ ޗެއާމަން އަބްދުއްރަޝީދާއި އެގްޒެކެޓިވް ޑައިރެކްޓާ އަދުލީ ރަޝީދު އަދި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި މުދައްރިސުންނާއި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން އެހެނިހެން އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.



