އައްޑޫ ސިޓީގައި 10 މެގަވޮޓްގެ ފްލޯޓިން ސޯލާ ޕެނަލް ހަރުކޮށްދޭނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ ވޯލްޑް ބޭންކުގެ އެހީގައި ސަރުކާރުން ކުރިއަށް ގެންދާ އެކްސެލެރޭޓިން ރިނިއުއަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫޢުގެ ދަށުން ހިތަދޫ ޕޯޓު ސަރަޙައްދުގައި 8 މެގަވޮޓް، މަރަދދޫ ބަނދަރު ސަރަޙައްދު އަދި ހުޅުދޫ މީދޫ ބަނދަރު ސަރަޙައްދުގައި 1 މެގަވޮޓް ސޯލާ ޕެނަލް ހަރުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ބިޑް ހުޅުވުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 29 ގައެވެ.
އެންވަޔަރުމެންޓް މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ މަސައްކަތްކުރާނެ ކޮންޓްރެކްޓަރަކު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހޮވާނެ ކަމަށާއި ކޮންޓްރެކްޓަރަކު ހޮވައި، ސޯލާ ޕަވަ ނިޒާމް ގާއިމްކުރަން ހަމަޖައްސާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ސާވޭތައް ނިންމުމަށް ފަހު އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާ ކުރެވެނީ ޖެހިގެން އަންނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ސޯލާ ހަކަތައިން ކަރަންޓު އުފައްދަން ފެށުމުން އަހަރަކު 4.43 މިލިއަން ލީޓަރުގެ ތެޔޮ ބޭނުންކުރުން މަދުކޮށް، ތެލަށް އަހަރަކު ކުރާ ހޭދައިން 35.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.
އިއާދަކުރަނިވި ހަކަތައަށް ބަދަލުވުން އަވަސް ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު އާރާސްތުކުރުމުގެ މަޝްރޫއަށް ވޯލްޑު ބޭންކުން 107 މިލިއަން އެމެރިކާ ޑޮލަރު (1.6 ބިލިއަން ރުފިޔާ)ގެ އެހީ ދޭން ނިންމާފައިވަނީ ޑިސެމްބަރު، 2020 ގައެވެ. އެރައިޒް އަކީ އޭގެ ތެރެއިން ހިންގާ މަޝްރޫޢެކެވެ.



