އިޖުތިމާއީ މިންގަނޑާ ޚިލާފަށް ބިދޭސީން ކައްކަމުން ދިޔަ ތަނެއް ބަލައި ފާސްކޮށް، ޞައްޙަ ވިސާ ނެތް 2 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ދެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ވިނަރެސް ފްލެޓުތަކުގެ ފަހަތުގައިވާ އެކޮމޮޑޭޝަން ބްލޮކެއްގައި ޤަވާޢިދާ ޚިލާފަށް އަދި ސާފުތާހިރުކަން ކުޑަކޮށް ކެއިން ބުއިމުގެ ކަންކަން ކުރިއަށް ގެންދާތީ އާންމުންގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.
އިމިގްރޭޝަނުން ބުނީ އެތަނާ ގުޅޭ މަޢުލޫމާތު އިމިގްރޭޝަނަށް ލިބުމާ ގުޅިގެން އެތަން ބަލައި ފާސްކޮށްފައިވާ ކަމަށާއި ޓާސްކު ފޯހުން އެވަގުތު އެތަނަށް ދިޔައިރު އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން ޞައްޙަ ވިސާއެއް ނެތް ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަނުން ބުނީ އެ ތަނަކީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ އިޖްތިމާޢީ މިންގަނޑާ މުޅިން ޚިލާފަށް ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި، ކެއުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ތަނަކަށް ވާތީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ މައްސަލައިގެ މަޢުލޫމާތު ލިބުމާއެކު އެތަން ސާފުކޮށްފައިވާ ކަމަށާއި ކޮންޓްރެކްޓަރާއި ވާހަކަދައްކައިގެން އެތަނުގައި ކައްކަމުން ދިޔަ ދިޔުން ހުއްޓުވާފައިވާ ކަމަށެވެ.



