ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް އޭނާ ޑިލިޓް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ތަހުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ މައްސަލަ ވީހާވެސް އަވަހަށް ތަހުޤީޤު ކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުރީގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި އެހެން މިނިސްޓަރުންގެ ރަސްމީ އީމެއިލްތައް މިހާރުވެސް އެބަހުރި ކަމަށެވެ. ނަމަވެސް އައިޝަތު އަލީގެ ރަސްމީ އީމެއިލްތައް ޑިލީޓް ކުރައްވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ތަހުޤީޤު ކުރަން ފަށާފައިވާއިރު އައިޝަތު އަލީ އިއްޔެ ވަނީ އޭނާ ބޭނުންކުރެއްވި އީމެއިލް އާ ގުޅޭ ގޮތުން ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ނިމިދިޔަ ވެރިކަން ނިމުނު ދުވަހު ރަސްމީ އީމެއިލް ޑީއެކްޓިވޭޓް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އިއްޔެ މެންދުރު 1:15 ގައި އެ އީމެއިލް އަށް މީހަކު ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހުގެ ފަހުން އެ އީމެއިލް އިން އެއްވެސް މީހަކަށް މެއިލް އެއް ގޮސްފައިވާނަމަ އެއީ އޭނާ ފޮނުއްވި މެއިލް އެއް ނޫން ކަމަށް ދެކުމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



