ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކައިން ހިންގި ޕްރޮޖެކްޓުތަކުން ކޮންޓްރެކްޓަރުންނަށް ނުދީ ހުރި 300 މިިއަން ރުފިޔާ އެފަރާތްތަކަށް ދީފިއެވެ.
އެކުންފުނިން ބުނީ ވޭތުވެދިޔަ އަށް މަސް ދުވަހުގެ ތެރޭގައި ކުންފުނީގެ ހަރަދުތައް ފޫބެއްދުމަށާއި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތަށް ބުރޫނާރާ ގޮތަށް އެކި ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށާއި، 278 ވެންޑަރަކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް މިހާރު ވަނީ ދައްކާފައެވެ.
ފެނަކައިގެ ކުރީގެ މެނޭޖްމެންޓުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދިނުމުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި ބައެއް މަޝްރޫއުތައް ހުއްޓުނުއިރު ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ފެނަކައިން އެކި ވެންޑަރުންނަށް 1.7 ބިލިއަން ރުފިޔާ ދޭންޖެހިފައި ހުއްޓެވެ.
އެކި ފަރާތްތަކަށް ނުދީ ހުރި 300 މިލިއަން ރުފިޔާ ހަލާސްކުރިއިރު ފެނަކައިން ދަނީ އެކުންފުނީގެ ހަރަދު ކުޑަކުރުމަށާއި އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށްވެސް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތަކުގައިވާ މަރާމާތުކުރަންޖެހޭ ޖަނެރޭޓަރު ތަކާއި ސްޕެއާތައް ނުލިބި ހުރި ޕެނަލްބޯޑުތަކުގެ މައްސަލަތައްވެސް ފެނަކައިން ދަނީ ހައްލު ކުރަމުންނެވެ.



