ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާޢަތަށް ފައިދާހުރި އެތައް ޚިދުމަތަކާ، މިސްކިތް ބިނާކުރެއްވުމާ، ގިނަ ޢަދަދެއްގެ ދިވެހީން ޙައްޖަށް ގެންގޮސްދެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ޤައުމަށްކޮށްދެއްވައި، މުޖްތަމަޢުގެ އިޙްތިރާމް ހޯއްދަވާފައިވާ، ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) އަވަހާރަވީ ޚަބަރު އަޅުގަނޑު އަޑުއެހީ ފުން ހިތާމައާއެކުއެވެ.
މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކަކީ، ދިވެހި ވިޔަފާރިވެރީންގެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި އަދި ދިވެހީންނަށް އަމިއްލައަށް އެތައް ކަމެއް ކުރެވޭނެކަން ހިތްވަރާ ޢަޒުމާއެކު ސާބިތުކޮށްދެއްވި، ޒަމާނާގުޅޭ އެތައް ހެޔޮ ބަދަލެއް ދިވެހި އިޤްތިޞާދަށް ގެނަސްދެއްވުމުގެ މުހިންމު ޙިއްސާދާރެކެވެ. ރައްޔިތުންގެ ލާބަޔާ މަންފާއަށް ހޭދަކުރެއްވުމުގައި އަދި ދީނީ ކަންކަން ކުރިއެރުވުމުގައި އިސްނެންގެވި މަދަދުގާރެކެވެ. ޖަމާޢަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ޤައުމީ އިނާމް 1991 ވަނަ އަހަރު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. ގެއްލިގެން އެދިޔައީ ޤައުމަށް ބޮޑެތި މަސައްކަތްތަކެއްކޮށްދެއްވި އަގުހުރި، ތަޖްރިބާކާރު، ނަމޫނާ ޝަޚްޞިއްޔަތެކެވެ.
މުޅި ޤައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅު މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ދުޢާކުރަމެވެ.
ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި، މާތްﷲގެ ރުހިވޮޑިގަތުމާ، މަޣްފިރަތާ، ރަޙްމަތުގައި މަރުޙޫމް ޢަބްދުއްލަޠީފް ޙުސައިންމަނިކު ލަހައްޓަވާށިއެވެ. އާމީން.
"ޤައުމަކަށް ކުޅަ ޚިދުމަތެއް،
މީހާގެ ނަން މަތިވެރިވެދާށި،
އައުކަމާ ތާޒާކަމާ،
ފެހިކަން ނަމަށް ދާއިމްވެދާށި."



