މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރުގެ މަޤާމަށް ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް މިމަހުގެ 22 ވަނަ ދުވަހު ވަކިކުރައްވައި އެ މަގާމަށް މުނައްވަރު އައްޔަންކުރަން މަޖިލީހުގެ ލަފައަކަށް ރައީސް އެދިވަޑައިގަތުމާ ގުޅިގެން އެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅައި މައްސަލަ ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވީ މިމަހުގެ 23 ވަނަ ދުވަހު އެވެ.
އެ ކޮމިޓީން މުނައްވަރަށް ރުހުން ދީފައިވަނީ މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އޭނާއާ އިންޓަވިއު ކުރުމަށް ފަހުގައެވެ. ކޮމިޓީގެ މެމްބަރުން މުނައްވަރަށް ދެއްވާފައިވަނީ %97 އެވެ.
މުނައްވަރު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރު ކަމަށް ރައީސް މުޢިއްޒު އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުގައެވެ.
މުނައްވަރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުގެ މަޤާމު ފުރުއްވާފައެވެ.



