15 ކިލޯގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްޓަމްސްގެ ސުޕްރިންޑެންޓެންޑް މުޙައްމަދު އަފްޒަލް ވިދާޅުވީ މިއީ ރެކޯޑު އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން ފަހަރެއް ކަމަށާއި މި ތަކެތި އަތުލައިގެންފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި މެލޭޝިއާ ފިރިހެނެއްގެ ލަގެޖުން ކަމަށެވެ.
އަފްޒަލް ވިދާޅުވީ އަތުލައިގެންފައިވަނީ 15.38 ކިލޯގްރާމްގެ ކެނަބިސް ކަމަށާއި އެ އެއްޗެހީގެ މަގުމަތީ އަގު 12.3 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ.
އަފްޒަލް ވިދާޅުވީ މި ފަތުރުވެރިޔާ ދަތުރުކުރާ މަގު ކަސްޓަމްސް އަށް އޮޅުވާލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާގެ އަތުން ފޭކު ޓިކެޓެއް ފެނިފައިވާކަމަށް އަފްޒަލް ވިދާޅުވިއެވެ.
މިއީ މެލޭޝިއާ ފަސިންޖަރެއްގެ އަތުން މަސްތުވާތަކެތި ފެނުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ބަރުދަނުގެ ގޮތުން ބަލާއިރު ކަސްޓަމްސް އިން އެންމެ ގިނަ މަސްތުވާތަކެތި އެއާޕޯޓުން އަތުލައިގަތް ފަހަރު ކަމަށް އަފްޒަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ 27 ޖުލައި ގައި މަސްތުވާތަކެއްޗާއެކު ހައްޔަރުކުރެވުނު މީހާގެ އިތުރުން އެ މަސްތުވާތަކެއްޗާ ގުޅުން ހުރި އިތުރު މެލޭޝިއާ މީހަކުވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި އިތުރު ބައެއްގެ ބައިވެރިވުންވެސް ހިމެނޭ ކަމަށް ޝައްކު ކުރެވޭކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުން އަންނަ ކަމަށާއި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ފަސް ދުވަހެއްގެ މުއްދަތަކަށް ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ.



