"ލިލީ" އަކީ ފިލްމެއް؛ އިވުނީ އައިޝާގެ އައްދޯކުގެ އަޑު

އައިޝަތު އީމާން | 4 ދުވަސް ކުރިން - 29 ޖޫން 2025 10:08
ލިލީ ފިލްމުގެ ޕޯސްޓަރު.
ލިލީ ފިލްމުގެ ޕޯސްޓަރު.
ޚުލާސާ

"ލިލީ" ގެ ބޮޑި ކެމްޕެއިނެއް މީގެ ދެތިން ދުވަސް ކުރިން ފަށާފައިވާއިރު މި ފިލްމު ސިނަމާއަށް ވަރަށް އަވަހަށް އަންނާނެ.

"އައްދޯއް، ތަދުވެޔޭ!" އިވެނީ ވަރަށް ބާރަށް އަންހެނަކު ހަޅޭލަވައިގަންނަ އަޑެވެ. އެހެން ކިޔަނީ މަޝްހޫރު ފިލްމީ ތަރި އައިޝާ އަލީއެވެ. ދެން ފެންނަނީ ގޭގައި ހިފާ ގެންގުޅޭ ސާމާނުތަކެވެ. އެއަށްފަހު ސްކްރީން ހުއްޓެނީ ލިލީ މަލަކަށެވެ. އަނެއްކާ ވެސް ގޭތެރެއެވެ. މިއީ ކްރިއޭޓިވް ނެޓްވޯކްސްއިން ގެނެސްދޭ ތްރިލާ ފިލްމް "ލިލީ"ގެ ޓައިޓަލް ރިވީލިންގެ ފުރަތަމަ ސިކުންތުކޮޅެވެ.

"ލިލީ" ފިލްމު ގިނަ ބަޔަކަށް އިނގުނީ ފިލްމުގެ ޓައިޓަލް ރިލީޒް ކުރުމުގެ ދެތިން ދުވަސް ކުރިން ފެށި "ލިލީ ލިބިއްޖެ" ކެންޕެއިނާއެކުގައެވެ. 

‎ލިލީ ލިބިއްޖެ ކެމްޕެއިން

‎މިއީ އަލަށް އުފައްދައިގެން އުޅޭ ޕްރަޑަކްޝަން ހައުސް، ކްރިއޭޓިވް ނެޓްވޯކުގެ އަލަތު ފީޗާ ފިލްމު "ލިލީ" ގެ ނަން އިއުލާން ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކެމްޕެއިނެކެވެ. ކެމްޕެއިންގައި ވަނީ މާލެ ސަރަހައްދަށް 400 އާއި ގާތް ކުރާ އަދަދަކަށް ލިލީ މާ ވަނީ ބަހައިފަ އެވެ.

‎ކްރިއޭޓިވް ނެޓްވޯކުން ބުނީ ‎މި ޖޫން މަހުގެ 24 އިން ޖޫން 28 މެންދުރު ފަހާއި ހަމައަށް ކުރިއަށް ގެންދިޔަ މި ކެމްޕެއިނާ އެކު ކްރިއޭޓިވް ނެޓްވޯކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތައް ވަނީ 2.3 މިލިއަން ވިއުވާޒްއަށް ރީޗް ވެފަ އެވެ. އެއީ އިންސްޓަގްރާމުގައި 1.3 މިލިއަން އަދި ފޭސްބުކްގައި 1 މިލިއަނެވެ.

‎"ލިލީ" ފިލްމް

‎ލިލީ ފިލްމް ފުރަތަމަ އިއުލާން ކޮށްފައިވާނީ މިދިޔަ މެއި މަހުގެ 10 ވަނަ ދުވަހު އެވެ. އެހެން ނަމަވެެސް އޭރު ދޫކޮށްލި ވީޑިއޯގައި އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. ފިލްމުގެ ނަން ވެސް އޭރު ނޭނގެ އެވެ. 28 ޖޫންގައި ފިލްމުގެ ނަން، "ލިލީ" އިއުލާން ކޮށްފައިވަނީ ފިލްމުގައި ހަރަކާތްތެރިވާ ތަރިންނާ ވެސް އެކު އެވެ.

‎ފިލްމުގެ ލީޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާވެސް ހިމެނެ އެވެ. މީގެ އިތުރުން އަހުމަދު ނިމާލް، މަރިޔަމް ހަލީމް، އަލީ ފާރޫގު، އައިޝަތު އާރިފާ އަދި މުހައްމަދު ވަހީދު ވެސް މުހިންމު ރޯލުތަކަކުން ފެންނިގެންދާނެ ކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުނެއެވެ. މީގެ އިތުރުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ދިވެހި ފިލްމަކުން ބެލުންތެރިންނަށް ފެނިގެންދާނެއެވެ.

‎ފިލްމުގެ މޭކަޕްތައް ކޮށްފައިވާނީ ޖަސްޓިން އެވެ. ޑައިރެކްޓާ އޮފް ފޮޓޯގްރަފީ އަކީ ސަމާހު އިބްރާހިމެވެ. އެނިމޭޝަންތަކުގެ މަސައްކަތް ކޮށްފައިވާނީ ހުސައިން އިހުސާނެވެ. ފިލްމުގެ ނަން ފަރުމާކޮށްފައިވަނީ އަބްދުﷲ (އަބޯ) ޝަފީއުއެވެ. ބެކްސްކޯރިންގެ މަސައްކަތް ކޮށްފައިވާނީ ފަތުހުﷲ ޝަކީލެވެ. ޅެމާއި މެލޮޑީ މުހައްމަދު އަބްދުލް ޣަނީ ހަދާފައިވާއިރު ލަވައިގެ މިޔުޒިކްތައް ހަދާފައިވަނީ ހުސައިން ތައުފީގެވެ.
‎މިއީ މުހައްމަދު އަރީޙް އުފައްދައި އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކުރާ ފިލްމެކެވެ.

‎ފިލްމުގެ މަންޒަރުތައް ނަގާފައިވާނީ މިއަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ މަހެވެ.

‎ކްރިއޭޓިވް ނެޓްވޯކުން ބުނި ގޮތުގައި ގާތްގަނޑަކަށް 90 އިންސައްތަ މަންޒަރުތައް ނެގީ ޅ. ހިންނަވަރުގަ އެވެ. އަނެއް 10 އިންސައްތަ ނަގާފައިވާނީ ލާމު އަތޮޅުގެ ހިތްގައިމު މަންޒިލްތަކުގަ އެވެ.

‎މިއީ ކްރައިމް ތްރިލާ ޖޯންރާގެ ފިލްމެކެވެ. ފިލްމުގައި ކުށުގެ ވެށިން މުޖުތަމައުގައި އުފެދޭ ގިނަ މައްސަލަތަކަކަށް ވަނީ އަލިއަޅުވާލާފަ އެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ލިވެފައިވާ ފިލްމުގެ ވާހަކައިގެ އެހެން ބައެއް ތަފްސީލުތައް ކުރިއަށް އޮތްތަނުގައި ހާމަކުރާނެކަމަށް ކްރިއޭޓިވް ނެޓްވޯކުން ބުނެއެވެ..

މި ފިލްމު މިއަހަރު ސިނަމާތަކަށް އަންނައިރު، ފިލްމު އަޅުވާނެ ތާރީޚެއް އިއުލާންކޮށްފައެއް ނުވެއެވެ

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%