ކޮރެއާގެ މަޝްހޫރު ޑްރާމާ ސީރީޒް "ސްކުއިޑް ގޭމް" ގެ ތިންވަނަ އަދި އެންމެ ފަހު ސީޒަން ނެޓްފްލިކްސްއިން ރިލީޒްކޮށްފިއެވެ.
އާދިއްތަ ދުވަހު ރިލީޒްކުރި މި ސީޒަނުގައި، މައިގަނޑު ކެރެކްޓަރ ކަމަށްވާ ގީ-ހޫން ވަނީ ކުޅިވަރުތައް ކޮންޓްރޯލްކުރާ ފަރާތްތަކާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ނިންމާފައެވެ.
އާ ސީޒަނުގައި ކުރީގެ ބައެއް ކެރެކްޓަރުތަކުގެ އަނބުރާ އަންނައިރު، މި ސީޒަނުގައު އިތުރު ގޮންޖެހުންތަކަކާއި ހައިރާންކުރުވަނިވި މަންޒަރުތަކެއް ދައްކުވައިދެއެވެ. މި ސީޒަނަކީ ކުރީގެ ސީޒަންތަކަށްވުރެ އިމޯޝަނަލް ސީޒަނެކެވެ. އަދި މި ސީޒަނުގައި ދިރިއުޅުމާއި، ދަހިވެތިކަމާއި، ހެޔޮ އަދި ނުބައި ކަންކަމާ ގުޅޭ، ފުންކޮށް ވިސްނާލަންޖެހޭ ސުވާލުތަކެއް އުފައްދައެވެ.
ބެލުންތެރިންގެ ޚިޔާލުތައް ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާއިރު، ގިނަ ބަޔަކު ސިފަކުރަނީ މި ސީޒަނުގެ ސްޓޯރީ ފުރިހަމަ ކަމާއި ފުރިހަމަ ނިމުމެއްގެ ގޮތުގައެވެ. މި ސީޒަނަކީ ޑްރާމާ، ޓްވިސްޓް، އަދި އެކްޝަނުން ފުރިގެންވާ، އަދި ކުޅިވަރުތަކުގެ އަސްލު މާނަ ކުރިއަށްވުރެ ފުޅާކޮށް ދައްކުވައިދޭ ސީޒަނެކެވެ.
ފުރަތަމަ ދެ ސީޒަން ކަމުދިޔަ ފަރާތްތައް ހަމަ ޔަގީނުންވެސް މި ސީޒަނަށް އިންތިޒާރު ކުރާނެއެވެ. އެހެންކަމުން ލަސްނުކޮށް އަވަހަށް ބަލާށެވެ.



