މެންދުރު ނަމާދު ވަގުތު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދާ ގޮތަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު އެކުލަވާލިއިރު މެންދުރު ނަމާދު ވަގުތު ޖަލްސާ ކުރިއަށް ނުގެންދާގޮތަށް ޤަވާޢިދުގައި ހިމަނާފައިވާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން 12:30 ގައި މެދުކަނޑާލާގޮތަށް އޮތް އޮތުން 12 ޖަހާއިރު މެދުކަނޑާލާގޮތަށް ބަދަލުކޮށް 1 ގަޑިއިރުގެ ހުސް ވަގުތު ކޮޅަކަށްފަހު އަލުން ޖަލްސާ ފަށާނީ 13:00 ގައި ކަމަށް ނިންމަވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށް ފަހު މަސައްކަތުގައި އުޅުއްވާ ފަރާތްތަކަށް ވެސް ދީނީ އަޅުކަންތައް އަދާކުރުމަށް ލުއިފަސޭހަ ގޮތްތައް ފަހިކޮށްދެއްވަމުން އަންނަކަން ފާހަގަކުރެވެއެވެ. އެގޮތުން މިދިޔަ ރަމަޟާން މަހުގެ ފަހު 10 ވެސް ސަރުކާރު ބަންދުކޮށް، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭގޮތް އެމަނިކުފާނު ވަނީ ފަހިކޮށްދެއްވާފައެވެ.



