އާރުޓީއެލް ފެރީއެއްގައި ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި އާރުޓީއެލް ފެރީގައި އެ ރަށަށް ދަތުރުކުރި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އެ ރަށު ދޮންވެލި، ސައިފުﷲ ސައީދެވެ.

ފުލުހުން ބުނީ އޭނާ ހުއްޓުވައި ބަލައި ފާސްކުރި އިރު، އޭނާ ގެންދިޔަ ފޮށިގަނޑެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާ ކަމަށެވެ.

އޭނާ ހުއްޓުވަން އުޅުމުން، މަޑުނުކޮށް ސައިކަލަށް އަރައިގެން ދާން އުޅުމުން ވެއްޓި އޭނާގެ ކަނާތު ކަކުލާއި އުޅަނބޮށި މަށައިގެން ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށް، ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 11 ދުވަހަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.