އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް އެ ޤައުމުގެ ތިން ސިޓީއެއްގައި ބާއްވާ "ވެލްކަމް އިންޑިއާ" ރޯޑްޝޯތަކުގެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
މި ރޯޑްޝޯތަކަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް އަދި ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ ރޯޑްޝޯތަކެކެވެ.
އެމްއެމްޕީއާރުސީން ބުނީ މިފަދަ ޝޯއެއް އިންޑިއާގައި ބޭއްވުމުގެ މައިގަނޑު މަޤުޞަދަކީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓުކޮށް އިންޑިއާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރުމަށް ބޭނުންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަޤާމު ހަރުދަނާކުރުން ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެ އިޝްތިހާރުކުރުމަށް ބާއްވާ މި ހަރަކާތުގައި ރާއްޖެ ތަމްސީލުކުރައްވާ ވަފުދުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް އާއި އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓޫރިޒަމް ޑިވެލޮޕްމަންޓް މުހައްމަދު ހަލީލު ބައިވެރިވެވަޑައިގަންނަވައެވެ.



