އިސްރާއީލު ފިޔަވައި ހުރިހާ ގައުމަކާ އެކު އެކުވެރި ކަމުގެ ގުޅުން ބަހައްޓާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ކަށަވަރުކޮށްދީފި އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ޒަމީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑުތަކަށް ތަބާވެ ދުނިޔޭގެ ގައުމުތަކާއެކު އެކުވެރިކަން އާލާކުރުމަށް އަމާޒުކޮށްފައިވެ އެވެ.
އެހެންކަމުން ރާއްޖެއިން ގެންގުޅޭ އުސޫލަކީ އިސްރާއީލު ފަދަ އަނިޔާވެރި ގައުމެއް ފިޔަވައި ހުރިހާ ގައުމަކާއެކު ރައްޓެހިކަމުގެ ގުޅުން ބޭއްވުން ކަމަށް ޒަމީރު ވިދާޅުވި އެވެ.
ފަލަސްތީނުގައި އިސްރާއީލުން ހިންގާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން ދޭތެރެދޭތެރެއިން ރާއްޖެ އާއި އިސްރާއީލާއެކު ޑިޕްލޮމެޓިކް މައްސަލަތައް އުފެދޭއިރު، ފަލަސްތީނުގެ ސަރަހައްދުތަކުގައި އިސްރާއީލުގެ ސިޔާސަތުތައް ބައިނަލްއަގްވާމީ ގޮތުން ކުށްވެރިކުރުމުގައި ރާއްޖެއިން ވަކާލާތުވެސް ކުރެއެވެ.



