ސަރުކާރު ހިންގާ ޕާޓީ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޑެޕިއުޓީ ލީޑަރުގެ މަގާމުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް އިސްތިއުފާ ދެއްވައިފިއެވެ.
ތޯރިޤް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަގާމުން އިސްތިއުފާ ދެއްވީ، މި ވަގުތު އަމިއްލަ ކަންކަން ހުރި ގޮތުން އެ މަސްއޫލިއްޔަތު އަދާކުރުމަށް ވަގުތު ދެވެން ނެތުމުގެ ސަބަބުންނެވެ.
އޭނާ އެ މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށްވެސް ޝަރުތު ހަމަވާ ތޯރިގް އެ މަގާމުން އިސްތިއުފާ ދެއްވިއިރު، ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް އައުމަށް އޭނާ ދަނީ މަސައްކަތް ކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ހުށަހެޅުއްވުމާ އެއްގޮތަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް ތޯރިޤާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އަދި، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ހަމަޖައްސަން ޕީއެންސީގެ ޕީޖީ ގްރޫޕުން ނިންމީ މޭ މަހުގެ 22 ގައެވެ.
ތޯރިޤަކީ މި ހިނގާ ވިހިވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެންމެ ސީނިއާ އެއް މެންބަރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓަވާ ފަސް މެންބަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގަންނަވައެވެ.



