ރަށްރަށުގެ ކުށުގެ ޙާލަތު ދެނެގަތުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ލ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މިއަދު ފެއްޓެވި މި ދަތުރުފުޅުގައި ކޮމިޝަނަރގެ އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ، ސައުތު ސެންޓްރަލް ރީޖަން ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލައްވައެވެ.
މިއަދުން ފެށިގެން މި މަހު 30 އަށް ކުރިއަށް ގެންދަވާ މި ދަތުރުފުޅުގައި، ލ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވާނެ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން ބުނީ މި ދަތުރުފުޅުގައި، މިއަދު ލ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވާފައި ވާކަމަށެވެ. މި ބައްދަލުކުރެއްވުމުގައި، ރަށްރަށުގެ ކުށުގެ ހާލަތު ދެނެގަނެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
އޭގެ އިތުރުން، ފުލުހުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާ ގުޅިގެން ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް އޮޅުންފިލުއްވައި އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



