ބައެއް އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާ އިން ހުދު ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހެނދުނު 10:15 އިން މެންދުރު 14:00 އަށެވެ.

މެޓު އޮފީހުން ބުނެފައިވަނީ މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަ ކުރަމުން އަންނައިރު، ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި ފެންބޮޑުވުމުގެ ހާދިސާތައް ވަނީ ހިނގާފައެވެ. އެފަދަ ހާދިސާތައް ހިނގާފައިވާތީ ކަމާއި ބެހޭ އިދާރާތްތަކުން ވަނީ ފެންބޮޑުވެ، ފެން ވަދެފައިވާ ގެތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.