އޮގަސްޓް މަސް ނިމުމުގެ ކުރިން ދިވެހިރާއްޖެއަށް އިންޑިއާ ރުޕޭ ކާޑުން ޚިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސައީދު ވަނީ މިހާރުގެ ވެރިކަމުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި އުފެއްދުންތެރި އިގްތިސާދެއް ކުރިއެރުވުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ދައުލަތުގެ މީޑިއާގައި އޭނާ ވިދާޅުވީ ރުޕޭ ކާޑު ތައާރަފްކުރުން ގާތްވެފައިވާ ކަމަށާއި، ގައުމީ ޕޭމަންޓް ޕްލެޓްފޯމެއް ގާއިމްކޮށް، ސަރަހައްދީ ބޮޑެތި މާކެޓްތަކާ އިންޓަގްރޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ސަރަހައްދީ މުހިންމު މާކެޓްތަކާ ގުޅިގެން ރާއްޖެއިން ކްރިއޭޓާ އިކޮނޮމީގައި ކުރިޔަށްދާއިރު އިންޑިއާއިން ވަރަށް ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ތެރެއިން އިގްތިސާދީ ކުރިއެރުމުގެ ފުރުސަތު އޮތް ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރައްވައި، ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ އުފެއްދުންތެރިންނަށް ފައިސާ ދެއްކުމުގެ ނިޒާމު ރަނގަޅުވުމުން ފައިދާ ލިބިދާނެ ކަމަށް ފާހަގަކުރެއްވި އެވެ. މިވަގުތު މިހާރު އޮތް ނިޒާމުގެ ތެރޭގައި ފައިސާ ދެއްކުމުގެ ރަނގަޅު ގޮތްތައް ނެތުމަކީ އޮންލައިން ވިޔަފާރިއާއި ޑިޖިޓަލް އީ-ކޮމާސްއަށް ވަރަށް ބޮޑު ހުރަހެކެވެ.
އުފެދިފައިވާ އުފެއްދުންތެރިންނާއި އޮންލައިން ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ދެއްވަމުން މިނިސްޓަރު ސައީދު ހާމަކުރެއްވި ގޮތުގައި ޕޭޕަލްގެ ހިދުމަތްތައް ދިވެހިރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، އެމެރިކާ ސަރުކާރާ ސީދާ މަޝްވަރާތައް ކުރެވެ އެވެ.
ވީޗެޓް ޕޭ ގެ ޚިދުމަތް މިހާރު ދިވެހިރާއްޖޭގައި ލިބޭ ކަމަށާ މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އާއި އެމްއައިބީގެ ޑޮލަރު ވޮލެޓް އެކްޓިވޭޓް ކުރެވި ޕޭޕަލްގެ ޚިދުމަތްތައްވެސް ލަސްތަކެއް ނުވެ ރާއްޖެއަށް ލިބޭނެކަމީ ޑރ.މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ އަށް މަސް ދުވަހުގެ ތެރޭގައި ބައެއް ބޭންކުތަކާ ގުޅިގެންހޯދުނު ކުރިއެރުންތަކެއް ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވަނީ ދިވެހިރާއްޖެއަށް ފައިދާހުރި ފުރުސަތުތައް ހޯދުމަށް ޓިކްޓޮކްގެ ސަރަހައްދީ އޮފީސްތަކާ އެކު ކުރިއަށްދާ މަޝްވަރާތައް ވެސް ފާހަގަކުރައްވާފަ އެވެ. މިކަމުގައި އެހީތެރިކަމަށް އެދި ޗައިނާ ސަރުކާރާ މިހާރުވެސް ގުޅާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސިލްސިލާ ކުރިއެރުންތަކުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށާއި އޮންލައިން ވިޔަފާރިތަކަށް އެހީތެރިވުމަށް ސަރުކާރުން ކުރާ މަސައްކަތެވެ.



