
ރެއާލް މެޑްރިޑުން ބްރެޒިލްގެ އާ ފޯވާޑް އެންޑްރިކް ރަސްމީކޮށް ދައްކާލައިފި އެވެ. ރެއާލްގެ ގިނަ ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދައްކަމުން އުމުރުން 18 އަހަރުގެ އެންޑްރިކް ބުނީ އޭނާއަކީ އަބަދުވެސް ރެއާލުގެ ފޭނެއް ކަމަށާ ރެއާލަށް ކުޅުމަކީ އަބަދުވެސް ދެކޭ ހުވަފެނެކެވެ. ހުވަފެން ހަގީގަތަކަށް ވުމުން 43000 ފޭނުންގެ ކުރިމަތީގައި އޭނާއަށް ރޮވުނެވެ.
ރެއާލް މެޑްރިޑުން ޕަލްމެއިރާސްއާއެކު 2022 ވަނަ އަހަރު އެއްބަސްވުމަކަށް އައިސް އޭނާ ގެނައުމުގެ ޓްރާންސްފާ ފީއަކީ ގާތްގަނޑަކަށް 60 މިލިއަން ޔޫރޯ އެވެ. އެންޑްރިކް އެ ކްލަބާއެކު ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާއިރު، އޭނާ ބޭނުންކުރާނީ 16 ނަންބަރު ޖާޒީ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
މިދިޔަ އަހަރު ގައުމީ ޓީމާ ގުޅުނު ފަހުން ބްރެޒިލްއަށް ކުޅުނު 10 މެޗުން ތިން ލަނޑު ކާމިޔާބުކޮށްފައިވާއިރު، ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ބައިނަލްއަގްވާމީ މެޗެއްގައި ގޯލް ޖެހި އެންމެ ޒުވާން ފިރިހެން ކުޅުންތެރިޔާގެ ޝަރަފު އޭނާ ވަނީހޯދާފައެވެ.



