ރާއްޖޭގައި އުފެއްދުންތެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ރާއްޖޭގައި ބޭނުން ކުރުމަށާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރުމަށް ތަފާތު ބާވަތްތައް އުފައްދާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މީގެ ބޭނުމަކީ ރާއްޖޭގައި ވިއްކައިގެންނާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކޮށްގެން އާމްދަނީ ހޯދުމަށް ތަކެތި އުފައްދާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަނެ، އެ ފަރާތްތަކުގެ މަސައްކަތް ކުރިއަރުވަން މަގުފަހިކޮށްދިނުން ކަމަށެވެ.
ސައީދު ވިދާޅުވީ މީގެ ސަބަބުން ރާއްޖެއިން ބޭރުގެ މާކެޓުތަކަށް އެކްސްޕޯޓު ކުރެވޭނެ އުފެއްދުންތައް ދެނެގަނެ، ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަށް ވަދެފައިވާ ޤައުމުތަކަށް އެ އުފެއްދުންތައް އެކްސްޕޯޓުކުރުމަށް ހުރި ފުރުޞަތުތައް ބަލައި އެ ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިފަދަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، ސަރުކާރުގެ އެކި ސިޔާސަތުތައް މެދުވެރިކޮށް އެ ގޮންޖެހުންތަކަށް ޙައްލު ހޯދައިދީ، ދިވެހި މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުކުރުމަކީވެސް މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަޤުސަދެއް ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު އިތުރަށް ވިދާޅުވީ ދިވެހި އިޤްތިޞާދުގެ އުފެއްދުންތެރިކަން އިތުރުކޮށް އެކްސްޕޯޓު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.



