ގދ. ތިނަދޫގައި މުޒާހަރާކުރި ބަންގްލަދޭޝް މީހުން ޑީޕޯޓުކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީ) އިން ބަލަން ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫގައި ބިދޭސީން މުޒާހަރާކޮށްފައި ވަނީ ސިވިލް ސަރވިސް ވަޒީފާއަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ބަންގްލަދޭޝްގައި ކުރަމުން އަންނަ މުޒާހަރާތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
މުޒާހަރާތަކުގައި ބައިވެރިވެ ވިސާއާއި ޚިލާފަށް އުޅޭ ބިދޭސީން ޑީޕޯޓުކޮށްލާނެ ކަމުގެ އިންޒާރު ހޯމްލޭންޑް ސެކިއުރިޓީގެ މިނިސްޓަރ އަލީ އިހުސާން ވަނީ ދެއްވާފައެވެ.
މި މުޒާހަރާއާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވެފައި ވަނީ ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތެއް ނުކުރެވޭނެ ކަމަށާއި އެއީ ވިސާއާއި ޚިލާފު ޢަމަލެއް ކަމަށެވެ.
ސަރުކާރުގެ މި ފިޔަވަޅަކީ ވިސާގެ ޤަވާއިދުތައް ހަރުކަށިކޮށް ތަންފީޒުކުރުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން މިހާރު ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށާއި މިއީ ވިސާގެ ޝަރުތުތަކާއި ޚިލާފުވުމުން ކުރިމަތިވާނެ ނަތީޖާތަކާ ބެހޭ ގޮތުން ބިދޭސީންނާއި ފަތުރުވެރިންނަށް ދޭ ހަރުކަށި އިންޒާރެއް ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެއެވެ.
މިކަމާ ގުޅޭ ގޮތުން އެޗްއާރުސީއެމް އިން ބުނީ ބިދޭސީން ހިމެނޭހެން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގަކީ ރާއްޖެއިން ސޮއިކޮށްފައިވާ އިންޓަނޭޝަނަލް ކޮންވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރް)ގެ 21 ވަނަ މާއްދާގެ ދަށުން ހުރިހާ ފަރާތްތަކަކަށް ލިބިގެންވާ ހައްގެއް ކަމަށާއި އެއީ ގާނޫނުއަސާސީގެ 32 ވަނަ މާއްދާގެ ދަށުންވެސް ލިބިގެންވާ ހައްގެއް ކަމަށެވެ.
މީގެ އިތުރުން ބީދޭސީން ޑީޕޯޓްކުރަން ސަރުކާރުން ނިންމުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތްތެރިންނަށް ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއަޅައި، ރާއްޖޭގެ އެއްވެސް ގާނޫނަކާއި ގަވާއިދަކާއި ހިލާފުނުވާހާ ހިނދަކު ރާއްޖޭގައި ތިބި ބިދޭސީން ހައްޔަރުކޮށް ވަޒީފާއިން އަނބުރާ ފޮނުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.



