ރާއްޖޭގައި ޓިކްޓޮކް އިން ފައިސާ ލިބޭނެ ގޮތް ހަދަން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު ވިދާޅުވީ ޓިކްޓޮކް އިން ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތް ހޯދުމަށް ޓިކްޓޮކްގެ ރީޖަނަލް އޮފީސްތަކާއި ވާހަކަދައްކަން ފަށާފައިވާ ކަމަށެވެ. އަދި އެކަން ކުރާނީ ޗައިނާ ސަރުކާރުގެ އެހީއާވެސް އެކު ކަމަށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި މަޝްވަރާތަކުގައި ކުރިއެރުން ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ކޮންޓެންޓް ކްރިއޭޓަރުންނަށް ދިމާވެފައި ހުރި ގޮންޖެހުންތަކާއި، އީ ކޮމާސްގެ ތެރޭގައި ހުރި ގޮންޖެހުންތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ވައުދެއްގެ ގޮތުން 8 މަސް ދުވަހުގެ ތެރޭގައި ކާމިޔާބު ފެންނަމުން އަންނަ ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ރާއްޖޭގައި ޔޫޓިއުބް އިން ފައިސާ ލިބޭނެ ގޮތް ހެދުމަށާއި ގޫގުލް ޕޭގެ ޚިދުމަތާއި ގުޅޭ ގޮތުންވެސް ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އަދި އަންނަ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުން ކުރަން ފެށޭނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ މަޝްހޫރު ޕޭމަންޓް ގޭޓްވޭތައް ރާއްޖޭގައި ތައާރަފްކުރުން ކަމަށެވެ.
ޓިކްޓޮކް އިން ފައިސާ ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުން އަންނަ އިރު، މިއީ ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު އެއް ޕްލެޓްފޯމްކަން ފާހަގަކުރެވެއެވެ.



