މ. މުލީގެ އިހުތިސާސްގެ ތެރޭގައި އެ އަތޮޅު ބޯހުރާ ހިމަނުއްވައި އެކަމާ ގުޅޭ ގަރާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި ގަރާރުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2020/3 ގެ ގަރާރުން އެކަށައަޅާފައިވާ، އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅި ގޮތަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނަންބަރު 2020/3 އަށް އިސްލާހުކޮށް، ރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ މުލީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ގަރާރުގައިވެއެވެ.

ރައީސް މުއިއްޒު މިގޮތަށް ނިންމަވާފައި ވަނީ ރަށުގެ އިހްތިސާސުގައި ބޯހުރާ ހިމެނުމަށް ބޭނުންވާ ކަން ރަށުގެ ކައުންސިލުން ހާމަކޮށްފައި ވަނިކޮށެވެ.

މިދިޔަ ސަރުކާރުން ރިސޯޓު ތަރައްގީކުރަން ހުޅުވާލި ރަށްތަކުގެ ލިސްޓުގައި ބޯހުރާ ހިމެނިއެވެ. ނަމަވެސް، ފަހުން އެ ލިސްޓުން ވަނީ ބޯހުރާ އުނިކޮށްފައެވެ.