އިސްރާއީލުން ހިފާފައިވާ ގޯލާން ސަރަހައްދަށް ހޮނިހިރު ދުވަހު ދިން ރޮކެޓް ހަމަލާއެއްގައި ކުޅެން ތިބި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ހިމެނޭހެން 12 މީހުން މަރުވެއްޖެ އެވެ. މިއީ ލުބުނާނުގައި އިސްރާއީލާއި ހަތިޔާރު އެޅި ޖަމާއަތްތަކާ ދެމެދު ހަމަނުޖެހުންތައް ހިނގަން ފެށިފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.
މި ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހު އިސްރާއީލުން ލުބުނާނަށް ދިން ވައިގެ ހަމަލާއެއްގައި ހަތަރު މީހަކު މަރުވުމާ ގުޅިގެންނެވެ. ލުބުނާނުގެ ސަލާމަތީ ދެ މަސްދަރަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބުނާނުގެ ދެކުނުގެ ކްފާރްކިލާގައި މަރުވި ހަތަރު ހަނގުރާމަވެރިންނަކީ ހަތިޔާރު އެޅި އެކި ޖަމާއަތްތަކުގެ މެމްބަރުން ކަމަށާއި އެކަކީ ހިޒްބުالله އަށް ނިސްބަތްވާ ހަނގުރާމަވެރިއެކެވެ.
"އައިޑީއެފްގެ ސިޗުއޭޝަނަލް އެސެސްމަންޓަކާއި އަޅުގަނޑުމެންގެ އަތުގައި ހުރި ޖާސޫސީ މައުލޫމާތުތަކަށް ބަލާއިރު، ރޮކެޓް ފޮނުވާލީ ހިޒްބުالله ޓެރަރިސްޓް ޖަމާއަތުން،" އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެ އެވެ.
ކުޅެން ތިބި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ހިމެނޭހެން 12 މީހުން މަރުވެވެފައިވާއިރު، އީރާނުގެ މަދަދު ލިބެމުންދާ ހިޒްބުالله އިން ވަނީ މިހަމަލާ އާއި އެޖަމާއަތާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެފައެވެ.
ހިޒްބުالله އާއި އިސްރާއީލުން އަންނަނީ އޮކްޓޯބަރު މަހުން ފެށިގެން ހަމަލާ ބަދަލުކުރަމުންނެވެ.



