މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް (އެމްޑީބީ) އުފެއްދުމުގެ ލައިސަންސަށް އެދި މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހަޅާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވީ މިއީ ގައުމުގެ އިގްތިސާދީ އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އުފެއްދީ މޭ މަހުގެ 16 ވަނަ ދުވަހުގައެވެ. މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަމާޒަކީ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް ފައިސާ ހޯދުމުގެ އިތުރުން ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓްކުރުމެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.
ސައީދު ވިދާޅުވީ އެ ބޭންކަށް ބޭރުގެ ސީއީއޯއެއް ވެސް ހޯދަމުންދާއިރު، ބައިނަލްއަގުވާމީ ސާޗްއެއް ވަރަށް އަވަހަށް އިއުލާން ކުރާނެ އެވެ. މިހާރު ވަނީ ބޯޑަށް ބޭރުގެ ދެ ބޭފުޅުން ނަގާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ބޭންކްއަންނަ މަހު ވުޖޫދު ކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.



