ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހް އދ.ގައި ތަގުރީރު ކުރެއްވުމަށް 2022 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގެ ރަސީދުތައް ހާމަކޮށްފިއެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ރަސީދުތައް ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދެފުށް ފެންނަ ސިޔާސަތުގެ ދަަށުން ރައީސް އޮފީހުންނެވެ.
އަޒާނަކީ މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތެވެ. ނަމަވެސް އޭރު ރައީސް އޮފީހުން މި މައުލޫމާތު ނުދެއްވުމުން، އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައިކޯޓުން ވަނީ މި މައުލޫމާތުތައް ދިނުމަށް މިދިޔަ ވެރިކަމުގައި އަމުރުކޮށްފައެވެ. އެހެންކަމުން ދައުލަތުން އޭރު މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި ވެރިކަމުގައި މި މައްސަލަ ހިނގިއިރުވެސް ދައުލަތުގެ ސްޓޭންޑެއް އޭރު ބަދަލެއް ނުކުރެއެވެ. އަދި ދަތުރުގެ ޚަރަދަކަށް ވާނީ ރިސިޓްގައި ހިމެނޭ މައުލޫމާތުތައް ކަމަށާ، އެމައުލޫމާތުތައް ދީފައިވާނެ ކަމަށްވެސް ދައުލަތުން އޭރު ބުނެފައިވެއެވެ.
މިމައްސަލައިގައި ދައުލަތުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާތީ އެކާމައި ގުޅިގެން އަޒާން ވަނީ ސޯޝަލް މީޑިއާގައި ނުރުހުންވެސް ފާޅުކޮށްފައެވެ.
އޭގެ ފަހުން ބަންޑާރަނައިބު އޮފީހުން އެ މައްސަލަ ދިރާސާކުރުމަށްފަހު، މައްސަލައާއިގެން ކުރިޔަށް ދިޔުމަށް ނުފެންނަ ކަމަށް ނިންމައި މައްސަލަ އަނބުރާ ގެންދިޔުމުން ރައީސް އޮފީހުން އެ ދަތުރާއި ބެހޭ ރިސިޓްތައް ހާމަކުރީ އެވެ.



