އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުދަ ދުވަހު އެމެރިކާގެ ކޮންގްރެސްގައި ދެއްވި ތަގުރީރުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން އޮޅުން ބޮޅުން ބޮޑު ބައެއް ވާހަކަތައް ހިމެނިފައިވާތީ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. އިސްރާއީލުން ހަނގުރާމަ ކާމިޔާބު ކުރަމުންދާ ކަމަށް ނަތަންޔާހޫ ސާބިތުކޮށްދިން ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނާ ކުރަމުންދާ ހަނގުރާމައިން އިސްރާއީލްގެ އެއްވެސް ލަނޑުދަނޑިއެއް މިހާތަނަށް ކާމިޔާބެއް ނުވެއެވެ.
ނަތަންޔާހޫ ދެއްކެވި ވާހަކަފުޅުގައި އިސްރާއީލު މި ހަނގުރާމައިގައި މޮޅުވި ކަމަށް ބިނާވެފައިވަނީ ފަލަސްތީނުގެ މީހުންގެ ފުރާނަ ގެއްލި ގެދޮރު ހަލާކުވި އަދަދަށް ނަމަ އިސްރާއީލު އޮތީ ހަގީގަތުގައި ވެސް މާ ކުރިއަށެވެ. ނަމަވެސް ހަނގުރާމައެއްގެ ކާމިޔާބީ ބިނާވަނީ މަރުވާ މީހުންނާއި ގެދޮރު ގެއްލޭ މީހުންގެ ނިސްބަތަކުންނެއް ނޫނެވެ. އެގައުމަކުން ކުރާ ހަރަދަކާއި ބޭނުންވާ ކަންތައް ހާސިލް ވުމަކީ ހަނގުރާމައިގެ ކާމިޔާބު ވުމެވެ. މިގޮތުން ބަލާއިރު މިހާތަނަށް އިސްރާއީލުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީ ރައްޔިތުން މިނިވަނެއްވެސް ނުކުރެވުނެވެ. އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރުން ޣައްޒާގެ ރައްޔިތުންނަށް ހަމަލާ ދެމުންދާއިރު ނަޔަންޔާހޫގެ އެއްވެސް ލަނޑުދަނޑިއެއް ހާސިލެއް ނުވެއެވެ.
ނަތަންޔާހޫ ތަގުރީރި ދެއްވިއިރު އޭނާ އާއި ދެކޮޅަށް ކޮންގްރެސްގެ އެތެރޭގައާއި ބޭރުގައި ދިޔައީ މުޒާހަރާ ކުރަމުންނެވެ. އެމެރިކާގައި ނަތަންޔާހޫ ނިދިކުރައްވާ ހޮޓަލަށް އާންމުން ވަދެ އެތަނުގެ ތެރެއަށް ނަޖިހާއި ފުޅަ އަދި ދިރޭ ސޫފިތައްވެސް ވަނީ އަޅާލާފައެވެ. މިއީ ނަތަންޔާހޫ އެއްވެސް ވަރަކަށް އުއްމީދުކުރި ކަމެއް ނޫނެވެ. ނަތަންޔާހޫއަށް އެމެރިކާގެ ދަތުރުގައި ލިބުނު ފިލާވަޅަކީ މިހާތަނަށް އިސްރާއީލުގެ ރައީސަކަށް ބޭރު ދުނިޔޭގެ ވެރިންގެ ކުރިމަތީގައި ކުރިމަތިވި އެންމެ ޖެއްސުން ބޮޑު ފިލާވަޅެވެ.


