މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މައްސަލައިގައި ގެއްލިފައިވާ ފައިސާ ހޯއްދަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިއުލާން ކުރައްވައިފި އެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އިޖްތިމާއީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ކުރީގެ ސަރުކާރުތަކުން ދުވަހަކުވެސް ނުކުރާ ވަރަށް އެމަނިކުފާނުގެ ވެރިކަމުގައި ފިޔަވަޅުތަކެއް އަޅައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި ފަތުރުވެރިކަން ކުރިއެރުވުމަށާއި ތަރައްގީއަށް އަމާޒުކޮށްގެން އެތައް މިލިއަން ޑޮލަރެއްގެ ޚިޔާނާތެއް ހިންގި އެވެ. 2014 އާއި 2015 އާ ދެމެދު ޓޫރިޒަމް ޕްރޮޕަޓީތަކަށް އޮޅުވާލައިގެން ކުއްޔަށް ދިނުމުގެ އެއްބަސްވުންތަކުގެ ތެރެއިން ފައިސާ ތަކަށް ޚިޔާނާތްތެރިވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ގެއްލިފައިވާ ފައިސާ ސަރުކާރުން ހޯދާނެ ކަމަށާއި، ގައުމުގެ ވަސީލަތްތައް އަނބުރާ ހޯދައި އިޤްތިޞާދު ކޮޅަށް ޖަހަން ފާއިތުވީ 8 މަސްތެރޭގައި ބޭއްވި ވަޒީރުންގެ ބައްދަލުވުން ތަކަކީ ނިމިގެންދިޔަ 10 އަހަރުގައިވެސް މި މުއްދަތުގައި ނުބާއްވާހާ ގިނަ ބައްދަލުވުންތަކެއް ކަމަށެވެ. އަދި މީގެ ކުރީގެ ދެ ވެރިކަމުގައި ބޭއްވުނު ބައްދަލުވުންތަކުގެ އަދަދު ނަމްބަރުތަކުން ރައީސް ވިދާޅުވެދެއްވިއވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލަ ފެންމަތިވީ 2015 ވަނަ އަހަރު އޮޑިޓް ރިޕޯޓެއްގައި ދައުލަތުގެ ޓޫރިޒަމް ޕްރޮމޯޝަން ކުންފުނިން 79 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ހާމަވުމުންނެވެ. ދައުލަތުގެ ޚަޒާނާއަށް ޖަމާކުރަން ޖެހުނު ފައިސާ، އޭގެ ބަދަލުގައި އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށް، އަމިއްލަ ފައިދާއަށް ބޭނުންކުރި އެވެ.
މި މައްސަލައިގައި މަތީ ފަންތީގެ ބައެއް އޮފިޝަލުން ބައިވެރިވި އިރު، އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ވެސް ވަނީ ފަހުން ކުށް ސާބިތުވެ ޖަލު ހުކުމް އިއްވާފަ އެވެ. މި މައްސަލައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި، އާންމުންގެ ރުޅިވެރިކަން ބޮޑުވެ، ސަރުކާރުގެ ހިންގުމުގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިންގުމާއި ޖަވާބުދާރީވުމަށް ޑިމާންޑް ކޮށްފައިވެ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް:
ރައީސް މުއިއްޒުގެ ލީޑަރޝިޕްގެ ދަށުން ސަރުކާރުން ވަނީ ކޮރަޕްޝަނާ ކުރިމަތިލުމަށް ފުރިހަމަ ޕްލޭނެއް އެކުލަވާލާފައެވެ. މީގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހަރުދަނާކުރުމާއި، ގާނޫނީ އޮނިގަނޑުތައް އިތުރުކުރުމާއި، މޮނިޓަރިންގެ ހަރުކަށި އުސޫލުތައް ތަންފީޒުކުރުން ހިމެނެއެވެ. މީގެ އިތުރުން ވަގަށް ނަގާފައިވާ ފައިސާ ޓްރެކްކޮށް ހޯދުމަށް ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަމުގެ އިޝާރާތެއް ދެއްވިއެވެ. އަދި ރާއްޖޭގެ އިގްތިސާދީ މައްސަލަތަކަށް އެމެރިކާއިން ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.



