މަހެއް ކިތަންމެ ވަރަކަށް އުދުހެން އުޅުނަސް އެކަމެއް ނުވާނެ އެވެ. ފިޔަގަނޑެއް ޖަހައިދިނަސް އެކަމެއް ނުކުރެވޭނެ އެވެ. ކާމިޔާބެއް ނުވާނެ އެވެ. ސިޔާސީ ދާއިރާގައި އެމްޑީޕީއަށް މި މިސާލު ޖެހިދާނެ އެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަކީ އެމްޑީޕީއަށް ކުޅަދާނެވެގެންވާ ކަމެއް ނޫނެވެ. ކިތަންމެހާ ވެސް ވެރިކަމާއި ބާރު ބޭނުންވެ އެވެ. ލިބުނު ދެ ފަހަރު ވެސް ދިޔައީ ތޮޅިއަށެވެ. ފުރަތަމަ ވެރިކަމުގެ މުއްދަތު ހަމަވީ ދައުރުގެ މެދު ތެރެއިންނެވެ. އެއަށްފަހު ރައްޔިތުން ދެ ވަމަ ފުރުސަތެއް ދިނުމުން ވެސް ވީ ކަމެއް ނެތެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި އިތުރު ފުރުސަތަކަށް އެދިއެދި އޮއްވައި އެ ވެރިކަމުގައި ރައްޔިތުން ސިއްކަ ޖެހި ސަބަބަކީ ވެސް އެއީ އެވެ.
އެމްޑީޕީގެ ނިމިދިޔަ ވެރިކަމުގައި ރައްޔިތުން ސިއްކަ ޖެހީ، އެއްވެސް ދަތި އުނދަގުލަކާ ނުލައި ވެރިކަމެއް ކުރަން ބޭނުންވާ ހުރިހާ ބާރެއް ރައްޔިތުން އެ ސަރުކާރަށް ފަހިކޮށްދިނެވެ. ފުރަތަމަ 2018 ގެ ރިޔާސީ އިންތިހާބެވެ. ޖެހިގެން އައި އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އޭރު އޮތް ސަރުކާރުގެ މައި ޕާޓިއަށް ސުޕަ މެޖޯރިޓީ ވެސް ހޯދައިދިނެވެ. ކައުންސިލް އިންތިހާބު ވެސް ދިޔައީ އެފަދަ ގޮތަކަށެވެ. އެ ހުރިހާ ބާރެއް އެމްޑީޕީއަށް ދިނުމުން ވެސް ރައްޔިތުންނަށް ހިދުމަތް ކޮށްދެވުނު ހެއްޔެވެ؟

އެމްޑީޕީގެ ވެރިކަމުގެ ބޮޑު ބައެއް ދިޔައީ ސަރުކާރުގެ މަތީފަޑީގައި ތިއްބެވި ބޭފުޅުން އުފަލާއި މަޖާ ކުރުމުގަ އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުނީ ވެރިކަމުގެ "ހަނީމޫން" ދުވަސްވަރުގަ އެވެ. ފޮނި އުންމީދުތަކާ އެކު ރައްޔިތުން އެމްޑީޕީއަށް މެޖޯރިޓީ ހޯދައިދިނުމާ އެކު ހިދުމަތް ކޮށްދިނުމުގެ ބަދަލުގައި އެ ކާމިޔާބީ ފާހަގަކުރުން އެ ޕާޓީއަށް ވީ މާ މުހިންމު ކަމަކަށެވެ. ސުޕަ މެޖޯރިޓީގެ ވާހަކަ އެ ދުވަސްވަރު ނުދައްކާ ޕޯޑިއަމްއެއް ނެތެވެ.

އަހަރެއްހާ ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔަ އާދަޔާހިލާފަށް ދިގު އެ ހަނީމޫން ދުވަސްވަރުގެ ނިމުން އައިސް އެމްޑީޕީއަށް ހޭވެރިކަން ވީ ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވެ، މުޅި ދުނިޔެ ފުރަބަންދަކަށް ދިޔަ ހިސާބުންނެވެ. އޭރު އޮތީ މާ ލަސްވެފަ އެވެ. ވެރިކަމުގެ ފުރަތަމަ އަހަރެއްހާ ދުވަހު ކުރެވުނު ކަމެއް ނެތެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި މުޅި ރާއްޖެ އާއި ރައްޔިތުން ފުރަބަންދުވާން ޖެހި، އިގްތިސާދު ސުމަކަށް ވެއްޓުނު އެ ދަނޑިވަޅުގައި ވެސް އެމްޑީޕީގެ ސަރުކާރުން ބެލީ ރައްޔިތުންނަށް ފަސޭހަކޮށްދެވޭތޯއެއް ނޫނެވެ.
ފުރަބަންދުގައި ރާއްޖެއަށް ވެރިވި ފަޅުކަމުގެ ތެރެއިން ވެސް ސަރުކާރުން ބެލީ ވައްކަން ކުރެވޭތޯ އެވެ. މިފަދަ އެއް މިސާލަކީ ވެންޓިލޭޓަރުގެ ވައްކަމެވެ. ސަރުކާރުން އޭރު ބާއްވަމުންދިޔަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެކި ނޫސްވެރިން، އެކި ގޮތްގޮތަށް އެކަމާ ބެހޭ ސުވާލުތައް ކުރިމަތި ކުރުވި އެވެ. ތަރުޖަމާނަށް ހުންނެވި ބޭފުޅާ ދިޔައީ އެކަން ދޮގުކުރައްވަމުންނެވެ. ގައުމު ނޭވާހޮޅިއަށް ގޮސްފައި އޮތްއިރު، ސަރުކާރުން ދިޔައީ ނޭވާހޮޅިން ވެސް ވައްކަން ކުރަމުންނެވެ.

އާންމު ރައްޔިތުން ހާލުގައި ޖެހިފައި ތިބި ނަމަވެސް، އެ ދުވަސްވަރު ވެސް މުއްސަނދިވި ބަޔަކު މުއްސަނދިވި އެވެ. ނާޗަރަންގީ ކުޅުނު މީހުން އުޅުނީ އޭރު ވެސް އެކަމުގަ އެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދެވެ.
ފުރަބަންދު ތެރޭގައި ވެސް އޭނާގެ ދުވަސްތައް ހޭދަކުރެއްވީ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރެއްވުމުގަ އެވެ. މިނިސްޓަރުގެ އެ ހަޑިމުޑުދާރު އަމަލުތައް، އަނިޔާ ލިބުނު ބައެއް މުވައްޒަފުން ފުލުހުންނަށް ދިން ބަޔާންތަކުގައި ވަރަށް ތަފުސީލުކޮށް ކިޔައިދީފައި ހުއްޓެވެ. އެއީ ކިހާވަރެއްގެ ކަމެއްކަން އާންމުންނަށް ތިލަވީ މިފަހުން ސޯޝަލް މީޑިއާގައި ބައެއް ބަޔާންތައް ލީކުވި ހިސާބުންނެވެ.

އެ ޖަރީމާތަކަށް ހުއްޓުމެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން ހަގީގަތުގައި ނުގެންގުޅެ އެވެ. އަމިއްލަ މަސައްކަތް ކުރާ މީހުން ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދިޔަ ޝަކުވާތަކަށް އެއްވެސް ފަރުވާލެއް ނެތެވެ. ބައެއް މީހުން ރައްޔިތުންގެ މަޖިލިސް ދޮށަށް އެއްވެސް އިހުތިޖާޖު ވެސް ކުރި އެވެ. ފުރަބަންދު އުވައިލުމާ މެދު ސަރުކާރުގެ އެންމެ މަތީފަޑީގައި ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. އަދި ފުރަބަންދު އުވައިލީ އެ ޕްރެޝަރަށް ކެތްނުކުރެވި، ސަރުކާރަށް އިތުރު ގޮތެއް ނެތިގެންނެވެ.

ދެން ވެސް، ފުރަބަންދާ އެކު އިނދަޖެހިފައި އޮތް އިގްތިސާދު ކޮޅަށް ޖެހުމުގެ ވިސްނުމެއް ސަރުކާރުގެ ނެތެވެ. ވާނީ ވެސް އެހެންތާ އެވެ. އެކަން ކުރަން އެނގޭވަރުގެ ގާބިލު ބޭފުޅަކު ސަރުކާރުގައި ނުވެސް ނެތީ އެވެ. ނުވަތަ އަމިއްލަ ޖީބަށް ބަރުކުރުމުގައި މާ ބުރަކޮށް އުޅޭތީ ގަސްތުގައި އެކަން ނުކުރީ އެވެ. އިގްތިސާދީ ހަމައަކަށް އަޅުވާނެ ރަނގަޅު ސިޔާސަތުތަކެއް ކަނޑައެޅުނު ކަމަކަށް ނުވި އެވެ. ބަދަލުގައި ވެރިކަމުގެ ފަހު ވަގުތާ ޖެހެންދެން ކުރިހާ ވެސް ކަމަކީ ފައިސާ ޗާޕު ކުރުމެވެ. އެކަމަށް ގާނޫނުގައި ކަނޑައަޅާފައި އޮތް ލިމިޓު ވެސް އުވައިލުމަށްފަހު އެވެ.

މިފަދަ ކަންކަމާ އެކު އެމްޑީޕީގެ ވެރިކަމުގެ ފަހުކޮޅަށް ގޮސް ޕާޓީގެ ލީޑަޝިޕް އޮތީ ދެ ބަޔަކަށް ބެހިފަ އެވެ. އެއް ކޮޅުގައި އޭރު ރައީސަކަށް ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އަނެއް ކޮޅުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ރިޔާސީ ޓިކެޓަށް ދެ ބޭފުޅުން ވާދަކުރެއްވީ ވެސް އެ ކޯޅުމުގެ ތެރޭގައި ތިއްބަވައިގެންނެވެ. ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އެހެން ޕާޓީއެއްގެ މީހަކާ ދިމާލަށް ވެސް ނުބުނާ ފަދަ ބަސްތައް އެއް ކޮޅުން އަނެއް ކޮޅަށް ރައްދު ކުރަމުންދިޔަ އެވެ. ޕާޓީ އާއި އިސް ބޭފުޅުންގެ ސިއްރުތައް ވެސް ދިޔައީ ބޭޒާރުވަމުންނެވެ.

ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. އޭގެ ކުރިން ބޭއްވި ޗެއާޕާސަންގެ އިންތިހާބުގައި ވެސް ކުރި ލިބުނީ ސޯލިހުގެ ފެކްޝަނުން ވާދަކުރެއްވި، އޭރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއަށެވެ. އެ ދެ ނާކާމިޔާބީ ހަޖަމުނުވެ ނަޝީދުގެ ފެކްޝަން ރިޔާސީ އިންތިހާބަށް ނުކުތީ އެމްޑީޕީއިން ވަކިވެ އަމިއްލަ ޕާޓީއަކާ އެކީގަ އެވެ. ގިނަ ޕާޓީތަކެއްގެ ކޯލިޝަނަކުން ވެރިކަމަށް އައި އެމްޑީޕީ އިސްވެ އޮތް އެ ސަރުކާރުގެ ނިމުން އައިއިރު ޕާޓީއިން ގިނަ މެމްބަރުން ގެއްލި، ކޯލިޝަން ދޫކޮށް ގިނަ ޕާޓީތައް ވެސް ނުކުތީ އޭރު އިދިކޮޅުން ވާދަކުރެއްވި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކީގަ އެވެ.
އެމްޑީޕީއިން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރި ގޮތަކީ މިއީ އެވެ. ގިނަ މަޝްރޫއުތަކުގެ ފެށުން އައީ ދައުރުގެ ފަހުކޮޅުގަ އެވެ. ނަމެއްގައި "ފަށާފައި" ހުރި އެ މަޝްރޫއުތައް ކޮޅެއްގައި ނުޖެހި، ރައްޔިތުންނަށް އެ މަޝްރޫއުތަކުން އެއްވެސް ފައިދާއެއް ނުވީ އެ ސަބަބާ ހުރެ އެވެ. މި ސަރުކާރަށް ގިނަ މަޝްރޫއުތައް ވާރުތަވިއިރު، ބައެއް މަޝްރޫއުތަކުގެ ސްކޯޕް ހަދާފައި ހުރީ ފުރިހަމަ ނުކޮށެވެ. އޭގެ ބުރަ ވެސް އުފުލަން ޖެހި، އެ މަޝްރޫއުތަކުގެ ފައިދާ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭން އިތުރަށް ހޯދަންޖެހޭ ފައިސާ ވެސް ހޯދަން ޖެހެނީ މި ސަރުކާރަށެވެ.

މިއީ ސިޔާސީ ޕާޓީއަކުން ފުރިހަމަ އާރާއި ބާރުގައި ވެރިކަމުގައި ތިބެ އަމަލުކުރި ގޮތެވެ. އިތުރު ދައުރަކަށް އެދުމުން ރައްޔިތުން ނޫނެކޭ ބުނިތާ އަދި ހަ މަސް ނުވެ އެވެ. މިހާރު އެ އެދެނީ މަޖިލީހުގެ މެޖޯރިޓީ އަނެއްކާ ވެސް އެ މީހުންނަށް ދިނުމަށެވެ. ނަމަވެސް މެޖޯރިޓީ އާއި ސުޕަ މެޖޯރިޓީ ދީގެން ވެސް އެމްޑީޕީއަށް ކޮށްދެވުނު ކަމެއް ނެތެވެ. ރައްޔިތުންގެ ހައްގުގައި ފާސްކުރީ ކިތައް ގާނޫނު ހެއްޔެވެ. އެހެންކަމުން އިދިކޮޅުގައި އޮވެ މަޖިލީހުގެ މެޖޯރިޓީ ދިނުމަށް އެދޭ ސަބަބާއި ނިޔަތާ މެދު ސުވާލު އުފެދެ އެވެ.
ވެރިކަމުގައި ތިބެ، މަޖިލީހުގެ މެޖޯރިޓީ ވެސް އޮވެ، ތިން ބާރު އެއް ބާރަށް ހަދައިގެން ވެރިކަން ކުރަމުން ހިދުމަތް ނުކޮށްދެވުނު ބަޔަކަށް އިދިކޮޅުގައި ތިބެ މަޖިލިސް މެޖޯރިޓީ ހޯދައިގެން ސަރުކާރާއި ރައްޔިތުންނަށް ޖެއްސުން ކުރުން ނޫން އިތުރު ނިޔަތެއް އޮތް ކަމަކަށް ނުބެލެވެ އެވެ. އެމްޑީޕީގެ ވެރިކަމުގެ ދެ ދައުރަށް ނަޒަރު ހިންގާލާއިރު ވެސް ފެންނަން އޮތީ ވެރިކަން ކުރުމުގެ ފެންވަރު އެ ޕާޓީގައި ނެތް ކަމެވެ. ފިޔަގަނޑެއް ޖެހިޔަސް، އުދުހުމަކީ މަހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ހަމަ އެގޮތަށް ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބާރު ދިނަސް، އެއީ އެމްޑީޕީއަށް ކުރުން ކުޅަދާނެ ކަމެއް ނޫނެވެ.



