ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުން އިލާހީ ރިޒްޤުން މަޙްރޫމްވާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި ބުނީ ރޭގަނޑު ހޭލައި ހުރެފައި، ފަތިހު ނިދާ މީހުންނަށް ދެ ޣަނީމާއެއް ގެއްލޭ ކަމަށެވެ. އެއީ ފަތިސް ނަމާދާއި ދުވާލު ފެށޭ ވަގުތުގެ ބަރަކާތް ކަމަށާއި އެކަމުގެ ސަބަބުން އޭނާ އިލާހީ ރިޒްޤުން މަޙްރޫމުވާކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ﷲ އޭނާގެ މައްޗަށް ވާޖިބުކުރައްވައިފައިވާ ޙައްޤު އަދާނުކުރާ ދުވަހަކީ އަބާއްޖަވެރި ދުވަހެއް ކަމަށެވެ. އެގޮތުން އޮފީހަށް ގަޑި ޖެހިގެންދާ މީހާގެ މުސާރައިން އުނިވާ ގޮތަށް، ސަވާބާއި ދަރުމަ ވެސް އުނިވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ފަތިސްނަމާދު ނުކުރުމުން ﷲގެ ރުއްސެވުމުން އޭނާ މަޙުރޫމުވާނެ ކަމަށާއި މި ވަގުތުގެ ބަރަކާތުން އިންސާނާ މަޙްރޫމު ކުރެވޭތޯ ޝައިޠާނާ މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ރޭގަނޑު ކުޅިވަރުގައި ހޭލައި ހުރުން، އޭނާއަށް ރީތިކޮށްދީ، ފަތިހު ތެދުވުން ބުރަކަމަކަށް ހަދާނެ ކަމަށާއި މިފަދަ މީހާގެ ގާތަށް ނިދި އަންނާނީ ފަތިސް ވުމުން ކަމަށް ޚުތުބާގައި ބުންޏެވެ.
ފަތިސްނަމާދަށް ރައްކާތެރިވެ، ހެނދުނުގެ ވަގުތުގައި ހީވާގިކަމާއެކު ރިޒްޤުހޯދާން މަސައްކަތްކުރާ މުރާލި ބަޔަކުކަމުގައި އަޅަމެން ލެއްވުމަށް އެދި ޚުތުބާގައި ވަނީ ދުޢާކޮށްފައެވެ.
ޚުތުބާގައި ބުނީ ރިޒްޤު ހޯދުމަށްޓަކައި މަސައްކަތްކުރުމަކީ، ﷲ سُبْحَانَهُ وَتَعَالَى އެކަލާނގެ މަޚްލޫޤާތުންގެ ކިބައިގައި ލައްވައިފައިވާ ފިޠުރީ ކަމެއް ކަމަށެވެ. ރިޒްޤު ހޯދުމުގައި ކާމިޔާބު މީހަކީ، މާތް ﷲއާ ވަކީލުކޮށް، އެކަލާނގެ ޙަޟްރަތުން ތައުފީޤު ލިބުން އެދި، މަސައްކަތް ކޮށްގެން އޭނާގެ ޙަޔާތް އާރާސްތުކުރާ މީހާ ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ މުއުމިނުން ދަންނާން ޖެހޭނެ އެއް ކަމަކީ، މާތް ﷲ ކޮންމެ އެއްޗެއް ވެސް ހައްދަވާ އިރު، އެ އެއްޗެއްގެ ރިޒްޤު ކަނޑައަޅުއްވާކަން ކަމަށެވެ. ނަމަވެސް ލިބޭ މިންވަރަށް ބޭނުންތައް ބަހައިލައިގެން ހޭދަކުރުމުގައި އިޤްތިޞާދުކުރުމަކީ އިންސާނާގެ މަސްއޫލިއްޔަތެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ރިޒްޤު ތަނަވަސްކޮށްދެއްވައި، ރިޒްޤުގައި ބަރަކާތްލައްވާ ކަންތައްތަކުގެ ތެރޭގައި ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ރިޒްޤު ހޯދާން އެދޭ މީހާ، ހީވާގިކަމާ އެކު، މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. ޙައްޤު ގޮތުގައި ރިޒްޤު ހޯދާން މަސައްކަތްކުރާ މީހާ، ﷲގެ މަގުގައި ޖިހާދުކުރާ މީހެއް ފަދަ ކަމަށް ޚުތުބާގައި ބުންޏެވެ.
އިސްލާމް ދީނުގައި މަސައްކަތަކީ، އަޅުކަމެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ﷲގެ ޙަޟްރަތުގައި ވެސް އަދި ދުނިޔޭގެ ނަޒަރުގައި ވެސް މަސައްކަތްކުރާ މީހާއާއި މަސައްކަތްނުކުރާ މީހާ ހަމަހަމަވެގެންނެއް ނުވާ ކަމަށެވެ. މަސައްކަތްކުރާ މީހާއަށް ﷲގެ ރުހިވޮޑިގަތުމާއި މީހުންގެ ލޯތްބާއި އިޙްތިރާމު ލިބޭނެ ކަމަށާއި މަސައްކަތްނުކުރާ މީހާއީ ﷲ ރުއްސަވާ މީހެއް ނޫން ކަމަށާއި އޭނާ ވާނީ އޭނާގެ އަމިއްލަ ނަފްސަށާއި، އަނބިދަރީންނަށް ޖެހިފައިވާ ބުރައަކަށް ކަމަށް ޚުތުބާގައި ބުންޏެވެ.
ޚުތުބާގައި ބުނީ ދުންޔަވީ ޙަޔާތް ބާއްޖަވެރިވެ، އޭގެ ފޮނިކަމާއި މީރުކަން ފުރިހަމަ ވާނީ، ތިމާއަށާއި އެހެން މީހުންނަށް ފައިދާ ހުރި ޙަލާލު މަސައްކަތެއްކޮށް، އާމްދަނީ ހޯދައިގެން ކަމަށެވެ.



