މުޒާހަރާތަކުގައި ބައިވެރިވެ ވިސާއާއި ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓް ކޮށްލާނެ ކަމުގެ އިންޒާރު މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީން ދީފިއެވެ.
މިނިސްޓަރު އަލީ އިހުސާން މި އިންޒާރު ދެއްވީ ބަންގްލަދޭޝްގައި ހިނގަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، ގދ،ތިނަދޫގައި ދިރިއުޅޭ ބިދޭސީންތަކެއް މިދިޔަ ބުރާސްފަތި ދުވަހު މުޒާހަރާ ކުރުމާއި ގުޅިގެންނެވެ.
"ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތް ނުކުރެވޭނެ. އެއީ ވިސާއާ ހިލާފުވުމެއް،" އިހުސާން ވިދާޅުވި އެވެ.
ސަރުކާރުގެ މި ފިޔަވަޅަކީ ވިސާގެ ގަވާއިދުތައް ހަރުކަށިކޮށް ތަންފީޒުކުރުމަށް ކަމާއި ގުޅުންހުރި ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅި ފިޔަވަޅެކެވެ. އަދި މިއީ ވިސާގެ ޝަރުތުތަކާ ހިލާފުވުމުން ކުރިމަތިވާނެ ނަތީޖާތަކާ ބެހޭ ގޮތުން ބިދޭސީންނާއި ފަތުރުވެރިންނަށް ދޭ ހަރުކަށި އިންޒާރެކެވެ.



