ޕާކިސްތާނު ސަރުކާރުގެ ފަރާތުން ދިވެހި ބަހުގެ އެކެޑަމީއަށް 10,000 ޑޮލަރު ހަދިޔާކޮށްފިއެވެ.
ދިވެހި ބަހުގެ އެކެޑަމީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާކިސްތާނު ސަރުކާރުގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވީ، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ފައްޔާޒް ގިލާނީއެވެ.
އެކެޑަމީގެ ފަރާތުން މި ފައިސާއާ ހަވާލުވެވަޑައިގަތީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ އެ ފައިސާއަކީ ދިވެހި ބަހުގެ އެކެޑަމީގެ އަމާޒުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި އެހީއެއް ކަމަށެވެ. އެގޮތުން، އެކެޑަމީގެ ޚިދުމަތްތައް ފުޅާކުރުމަށް މާލީ ތަނަވަސްކަން މުހިންމު ކަމަށާއި ނަމަވެސް، މި ވަގުތަކީ މާލީ ގޮތުން އެހާ ފަހި ވަގުތެއް ނޫން ކަމަށް ނަސީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވަޒީރުގެ އިތުރުން ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަޙީމާއި އެކެޑަމީގެ އިތުރު ބޭފުޅުން ވަނީ ބައިވެރިވެލައްވާފައެވެ.



