އައްޑޫގެ ކަރަންޓް އަޕްގްރޭޑް ކުރާ މަޝްރޫއު ނިމުމުން ކުރިއަށް އޮތް 20 އަހަރު ދުވަހު އައްޑޫގެ ކަރަންޓު މައްސަލައާ މެދު ހާސްވާން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވެފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެ މައްސަލަ ހައްލުކޮށް، ކަރަންޓް ނެޓްވޯކު އަޕްގްރޭޑު ކުރަން ޗައިނާގެ ”ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން“އާ އިއްޔެ ވަނީ ހަވާލުކޮށްފަ އެވެ.

މިރޭ މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

"އެ މަޝްރޫއު ނިމުނީމަ އައްޑޫ ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްވެގެން އެ ދަނީ ދެން ކުރިއަށް އޮތް 20 އަހަރު ދުވަހަށް އިރާދަކުރެއްވިއްޔާ ދެން އެކަމާ ވޮރީވާން (ކަންބޮޑުވާން) ނުޖެހޭ ފެންވަރަށް،" ރައީސް ވިދާޅުވި އެވެ.

އައްޑޫގެ ކަރަންޓް އަޕްގްރޭޑިން މަސައްކަތުގެ ދަށުން އެ އަތޮޅު ހިތަދޫގައި 32 މެގަވޮޓުގެ އިންޖީނުގެއެއް އަޅައި، ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ އެވެ.

ޖުމްލަ 59 މިލިއަން ޑޮލަރުގެ މި މަޝްރޫއަށް ފައިސާ ދައްކަން ފެނަކައަށް 12 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.