ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އެމްއެންޑީއެފްގެ "އަސްކަރީ ހިނގާލުން" ޖުލައި 26 ވަނަ ދުވަހުގެ ހަވީރު މާލޭގައި ބާއްވާގޮތަށް ނިންމައިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ.މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވާ އަސްކަރީ ހިނގާލުން ފަށާނީ، ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ބަންޑާރަކޮށީން ކަމަށެވެ.
މި ހިނގާލުމުގައި ޖުމްލަ ފަސް ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށެވެ.
59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ކެޑޭޓް ކޯ އާއި އެމްއެންޑީއެފް އެއް ވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، ހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ ޓްރެފިކް ފްލޯ މެނޭޖުކުރުމަށް ދަތިވާނެތީ އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.
މީގެ ކުރިންވެސް މިފަދަ ދުވަސްތަކާއި ދިމާކޮށް ވެހިކަލް ދުއްވުން މަނާ ގަޑިތައް ކަނޑައަޅާފައި ވެއެވެ. އަދި އެފަދަ ވަގުތުތަކުގައި މަގުތައް ބެލެހެއްޓުމަށް ދިވެހި ފުލުހުން ހަރަކާތްތެރިވެއެވެ.



