ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަޤާމު ރާއްޖެއިން އަނެއްކާވެސް ދަމަހައްޓައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ކޮންމެ އަހަރަކު އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނަރސްއިން އެކުލަވާލައި ނެރޭ ލިސްޓުގައެވެ. ވިޒާއަކާއި ނުލައި އެންމެ ގިނަ ޤައުމުތަކަށް ދަތުރުކުރެވޭ ޕާސްޕޯޓުތައް ހާމަކޮށް "ހެންލީ ޕާސްޕޯޓް އިންޑެކްސް" އިން ނެރުނު ލިސްޓުގައި ދުނިޔޭގެ 227 ޤައުމެއް ހިމެނޭއިރު މި ލިސްޓުގައި ރާއްޖެ ހިމެނިފައިވަނީ 52 ވަނައިގައެވެ.
މިދިޔަ އަހަރު ރާއްޖެ އޮތީ މުޅި ދުނިޔެއިން 61 ވަނައިގައެވެ.
ވިޒާ އާ ނުލައި ރާއްޖޭގެ ޕާސްޕޯޓުގައި 94 ޤައުމަށް މިހާރު ދަތުރުކުރެވެއެވެ.
މި ސަރަޙައްދުގެ ދެވަނައިގައި މި އަހަރުވެސް އޮތީ ދުނިޔޭގެ ރޭންކިންގައި 82 ވަނައިގައި އޮތް އިންޑިއާއެވެ. އިންޑިއާ ޕާސްޕޯޓުގައި ވިޒާއާއި ނުލައި 58 ޤައުމަކަށް ދަތުރުކުރެވެއެވެ.
މީގެ ކުރިން އެއް ވަނައިގައި އޮތް ޖަޕާނު ފަހަތަށް ޖައްސާލައި މި އަހަރު ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ގޮތުގައި އޮތީ ސިންގަޕޫރު ޕާސްޕޯޓެވެ. އެ ޤައުމުގެ ޕާސްޕޯޓު ބޭނުންކޮށްގެން ވިޒާއަކާ ނުލައި 195 ޤައުމަކަށް ދަތުރުކުރެވެއެވެ.



