ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމުން ވަކިކޮށް، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމަށް ހޯމަ ދުވަހު ބަދަލުކުރި މާނިއު އެ މަޤާމުން އިއްޔެ އިސްތިއުފާދެއްވައިފިއެވެ.
މާނިއު ވިދާޅުވީ ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވީ ބޮޑު މުސާރައެއް ނަގައިގެން މަސައްކަތެއް ނުކޮށް ހުންނަން ބޭނުން ނުވާތީ ކަމަށާއި އޭރުން އެ މަޤާމުގެ މުސާރަ ހަލާލު ނުވާނެތީ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ޚަރަދު ކުޑަކުރުން ކަމަށް ވާއިރު، މީހަކަށް 20,000 ރުފިޔާ ދީގެން ކުރެވެން އޮތް މަސައްކަތެއް 45,000 ރުފިޔާ ދީގެން ކުރުމަކީ ޒަމީރު ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
މާނިއު ވިދާޅުވީ އެކަށީގެންވާ ވަރުގެ ޒިންމާއެއް ނެތި އެހާ ބޮޑު މުސާރައެއް ނެގުމަކީ އެ މުސާރަ ހަލާލުވާނެ ކަމަށް ޤަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެހެން ކަމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.
މާނިއު ވިދާޅުވީ ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްގެ މަޤާމުން އޭނާ ވަކިކޮށްފައިވަނީ އެއްވެސް އެންގުމެއް ނެތި ކުއްލިއަކަށް ކަމަށެވެ. އަދި މިދިޔަ 15 އަހަރުގެ ތެރޭގައިވެސް ނުކުރެވި ހުރި ބައިވަރު މަސައްކަތްތައް އޭނާ ކޮށްފައިވާކަން ފާހަގަކުރައްވާ މާނިއު ވިދާޅުވީ ކަސްޓަމްސްގައި މީގެ ކުރިން އޮތް، ރައްޓެހިންނާއި ގާތް މީހުންނަށް އަވަހަށް ކަންތައް ކޮށްދިނުމުގެ ސަޤާފަތް ނިމުމަކަށް ގެނެސްފައިވާނެ ކަމަށެވެ. އަދި އޮންނަ ޕްރޮސެސްގެ ތެރެއިން ކަންތައް ކުރަން ފެށި ކަމަށާއި އެންމެ ނިކަމެތި މީހާއާއި މުއްސަނދި މީހާ އެއް ހަމަކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނާ ޖެނެރަލްގެ މަޤާމުގައި ހުންނެވި މާނިއު އެ މަޤާމުން ވަކިކޮށްފައިވަނީ މިފަހުން ވެސް އޭނާއަށް ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ބައްދަލުވުމެއްގައި 'ރާއްޖެއަށް ހަތިޔާރު ގެންނަން ނިޔަތް ގަނެއްޖެ ނަމަ އެ ފުރުޞަތު އެބަ އޮތް' ކަމަށް ވިދާޅުވުމާއި ގުޅިގެން މާނިޢުގެ ޤާބިލް ކަމާމެދު ގިނަބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.
އަދި މަޤާމާ ހަވާލުވެވަޑައިގެންތަނާ ކަސްޓަމްސްގެ ސީޖީގެ ރަސްމީ ކާރުކޮޅުގައި އަމިއްލައަށް ރަން ކުލައިގެ ފަށަލައެއް ލި މައްސަލައިގައިވެސް އޭނާއަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އެކަމާ ގުޅިގެން އޭނާ ވަނީ އެ ފަށަލަ ނަގައި ރައްޔިތުންގެ ކިބައިން މާފަށް އެދިފައެވެ.
މާނިއު ވަކިކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަޤާމަށް ފާތިމަތު ދިޔާނާ އައްޔަންކުރައްވާފައެވެ.
މިއީ ކަސްޓަމްސްގެ ވެރިއަކަށް އަންހެން ބޭފުޅަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އަންހެނުންގެ ކުރިއެރުމަށް ދެއްވާ އަހައްމިއްޔަތު އަދި ޤައުމު ހިންގުމާއި ސިޔާސަތުތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ދެއްވާ އިސްކަން ހާމަވެގެން ދިޔަ ކަމެއް ކަމަށެވެ.



