މާލޭގައި ކުނި އުކާލުމާއި މުދާ އުފުލުން ރޭގަނޑުގެ ވަގުތުތަކަށް ބަދަލުކުރަން ނިންމައިފިއެވެ.
މާލެ އާއި ވިލިމާލޭގެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ރޭ އިފްތިތާޙުކުރި "މާލެ ފަހި" ޕްރޮގްރާމްގައިވާ ގޮތުން ވަކި ސައިޒަކަށް ވުރެ ބޮޑު އުޅަނދުތައް ބޭނުންކޮށްގެން މުދާ އުފުލޭނެ ގަޑި ރޭގަނޑު 8:00 އިން ފަތިހު 5:00 އަށް ބަދަލުކުރަން ވަނީ ނިންމާފައެވެ.
މިއާއެކު މާލެ ސަރަޙައްދުގައި ކުނި ނަގާނެ ގަޑިތައް ވެސް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ކުނި ނަގާގޮތަށް ބަދަލުކުރަން ވަނީ ނިންމާފައެވެ. ނަމަވެސް އެގޮތަށް ބަދަލުކުރަން ނިންމާފައިވަނީ ކޮން ދުވަހަކުން ފެށިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ގްރޭޓަރ މާލެ ރީޖަންގެ ގެތަކުން ވެމްކޯއިން މިހާރު ކުނި ނަގަނީ ރޭގަނޑު 7:00 އިން 10:00 އާ ހަމައަށެވެ. ދުވާލުވެސް ބައެއް ވަގުތުތަކުގައި ބައެއް ސަރަޙައްދުތަކުން ކުނި ނަގާތީ މަގުމަތީގައި ވެހިކަލް ދުއްވާ ފަރާތްތަކަށާއި ސްކޫލް ކުދިންނާއި އާންމުންނަށް އުނދަގޫތައް ކުރިމަތިވެއެވެ.



