މޮރިޓޭނިއާއިން ޙައްޖުގެ އަޅުކަން އަދާކުރުމަށް 200 އަށްވުރެ ގިނަ މީހުންނާއެކު މައްކާ އަށް ދަތުރުކުރި ފްލައިޓެއް ވެއްޓުނު ކަމަށް ބުނެ މި ހަފްތާގައި ސޯޝަލް މީޑިއާގައި ފެތުރިގެން ދިޔަ ހަބަރަކީ ދޮގެކެވެ އެ ޚަބަރުގައި ބުނަނީ 200 އަށްވުރެ ގިނަ މީހުންނާއެކު މައްކާއަށް ދަތުރުކުރި މޮރިޓޭނިއާގެ ފްލައިޓެއް ރަތް ކަނޑަށް ވެއްޓުނު ކަމަށް ބުނެ އެވެ. މި ދޮގު ޚަބަރު ފުރަތަމަ ފެތުރުނީ ފޭސްބުކްގައި ވައިރަލލްވި ވީޑިއޯއަކުންނެވެ.
ކާކުކަން ނޭނގޭ އެކައުންޓަކުން ފުރަތަމަ ވައިރަލްކުރި އެ ވީޑިއޯގައި ދައްކާފައިވަނީ އަނދަމުންދާ މަތިންދާބޯޓެއްގެ މަންޒަރެވެ. އަދި ބޯޓުތެރޭގައި މީހުން ﷲއަކްބަރު ކިޔައި ސަލާމަތްވުމަށް އެދި ގޮވާ އަޑުވެސް އިވެއެވެ. އެއަށްފަހު އެހެން ވީޑިއޯތަކެއްގައި ބޯޓު ކަނޑަށް ވެއްޓިފައިވާ މަންޒަރު ވެސް ދައްކައެވެ. ނަމަވެސް ޔަގީންވެފައިވާ ގޮތުގައި އެއީ މޮރިޓޭނިއާގެ ފުލައިޓަކާއި ގުޅުމެއް ނެތް، މާ ކުރީގެ ހާދިސާއެއްގެ ވީޑިއޯއެކެވެ.
ފޭސްބުކްގައި މިދެންނެވި ވީޑިއޯ ޢާންމުކުރުމާއެކު ގަޑިއިރުތަކެއްގެ ތެރޭގައި، ވަޓްސްއެޕް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މި ޚަބަރު ޝެއަރކުރަން ފެށުމާއެކު، މައްކާއަށް ދަތުރުކުރާ ފަރާތްތަކުގެ އާއިލާތަކުގެ މެދުގައި ބިރުވެރިކަން އުފެދުނެވެ. ނަމަވެސް، މޮރިޓޭނިއާ އެއަރލައިންސްއިން ނެރުނު ރަސްމީ ބަޔާނުގައި، މިއީ ހިނގާފައިވާ ހާދިސާ އެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ.
މޮރިޓޭނިއާގެ އެއަރލައިންއިން ސާފުކޮށްދީފައިވާ ގޮތުގައި ހައްޖު ފްލައިޓްތައް މޭ 23، 24 އަދި 25 ގައި ފުރައިގެން ގޮސް ސަޢޫދީ އަރަބިއްޔާއަށް ރައްކާތެރިކަމާއެކު ޖައްސާފައިވެއެވެ. އަނބުރާ އައުމުގެ ދަތުރުތައް ހަމަޖެހިފައިވަނީ ޖޫން 12 އިން 14 އާ ދެމެދުގައެވެ.



