ޙެޕިނެސް އިންޑެކްސް އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ ދިރާސާ މަސައްކަތް ޙަވާލުކޮށްފައިވާ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން، މި މަސައްކަތް ރަސްމީ ގޮތުން ފެއްޓީ އިއްޔެ އެ ޔުނިވަރސިޓީގެ ހޯލުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވަޒީރު އާދަމް ޝަރީފު ޢުމަރާއި، އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢަލީ ޒާހިރާއި، މި މަސައްކަތުގެ ވިލަރެސް ވެރިންނާއި، އިސްލާމިކް ޔުނިވަރސިޓީގެ ފެކަލްޓީތަކުގެ ވެރީންނާއި، ނ. އަތޮޅު ކައުންސިލުގެ ރައީސާއި، މި ވުޒާރާގެ ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
ހެޕިނެސް އިންޑެކްސްއަކީ އެ ޤައުމެއްގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް ބަލައި، އުފާވެރިކަން އޮތް ވަރު ދެނެގަތުމަށް ހަދާ އިންޑެކްސްއެކެވެ. ހެޕިނެސް އިންޑެކްސް އާންމުކުރުމަކީ މިހާރަކަށް އައިސް ދުނިޔޭގައި އާންމުކޮށް ކޮންމެ އަހަރަކު ކުރަމުން އަންނަ ކަމެކެވެ. އާންމުކޮށް ދުނިޔޭގައި މި ކަން ބަލައި އުޅެނީ 10 ދާއިރާއަކަށް ބަލައިގެންނެވެ. ދުނިޔޭގެ ހެޕިނެސް އިންޑެކްސްގައި މި ވަގުތު އެންމެ ކުރީގައި އޮތީ ފިންލެންޑެވެ.
ހެޕިނެސް އިންޑެކްސްގައި ބަލާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:
- ނަފުސުގެ ނުވަތަ ނަފުސާނީ ދުޅަހެޔޮކަން.
- ޖިސްމުގެ ނުވަތަ ޖިސްމާނީ ދުޅަ ހެޔޮކަން.
- ދިރިއުޅުމުގެ އެންމެހައި ދާއިރާތަކަށް ވަގުތު ދެވޭ މިންވަރު.
- ކަނަކަން ދަސްކުރުމަށާއި، ފަންނުވެރިކަމާއި، ޘަޤާފީ ކަންކަން ކުރުމަށް ފުރުޞަތުލިބުން.
- މުޖުތަމައުގެ ގުޅުން ނުވަތަ އެއްބައިވަންތަކަން.
- އިޖުތިމާޢީ އެހީތެރިކަން.
- ތިމާވެށްޓާ ގުޅުން އޮންނަ މިންވަރު.
- ސަރުކާރާ މެދު ދެކޭ ގޮތް.
- ދިރިއުޅުމުގެ ފެންވަރު.
- ކުރާ މަސައްކަތްތަކަށް ހިތްހަމަޖެހުން ލިބޭ މިންވަރު.
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ކުރަމުންދާ މި ދިރާސާ ކުރިޔަށް އޮތް 6 މަހެއްހައި ދުވަސްތެރޭ ނިންމާ ލެވޭނެ ކަމަށް ބެލެވެއެވެ.



