ރާއްޖޭގެ ޞިއްޙީ ޚިދުމަތް އިތުރަށް ވަރުގަދަކޮށް ބަލިމީހުން އުފުލުމުގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން އެއަރ އެމްބިއުލާންސްގެ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ މަތިންދާ ބޯޓާއި ސީޕްލޭންގެ އިތުރަށް މިއަހަރު ހެލިކޮޕްޓަރު އިތުރު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ފުވައްމުލަކުގެ ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެއަރ އެމްބިއުލާންސްގެ ފްލީޓު ބޮޑުކުރާނެ ކަމަށެވެ. އެގޮތުން މިއަހަރު ނިމުމުގެ ކުރިން އެއަރ އެމްބިއުލާންސްގެ ފްލީޓަށް ހެލިކޮޕްޓަރު އިތުރުކުރުމަށް މެޑިކަލް އިވަކުއޭޝަނަށް ހާއްސަ ހެލިކޮޕްޓަރު ރާއްޖެ ގެނެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު މަތިންދާ ބޯޓުވެސް އެކަމަށް ހާއްސަކުރުމަށް ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.ދިވެހިންގެ އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުވާކަމަށްހާމަކުރައްވަމުން ރައީސް ވިދާޅުވީ "މީގެ ކުރިން ބަލިވެއްޖެއްޔާ ބޭރުގެ އެހީއަށް މިއެދެންޖެހެނީ. އެކަމަކު މިހާރު އަމިއްލައަށް ކުރެވޭނެ މަގު ފަހިކުރެވިފަ މިވަނީ އަޅުގަނޑުމެންނަށް. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ މަގުމަތީގަ މިވަނީ. މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް." ކަމަށެވެ.އެއަރ އެމްބިއުލާންސް ހިދުމަތް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑިއިރު ފޯރުކޮށްދެވެމުންދާއިރު، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.








