ނޭޕާލްގެ ވެރިރަށް ކަތަމަންޑޫ އެއާޕޯޓުން ފުރައިގެން މަރާމާތަށް ޕުކަރާ ވައިގެ ބަނދަރަށް ދިޔަ ފުލައިޓެއް ވެއްޓި ޕައިލްޓް ފިޔަވައި ދެންތިބި 18 މީހުން މަރުވެެއްޖެއެވެ.

ފުލައިޓު ދިޔައީ މަރާމާތަށް ކަމަށްވާތީ އޭގައި ޕައިލެޓާއި ފަޅުވެރިން ފިޔަވައި އިތުރު ބަޔަކު ނެތެވެ.

ނޭޕާލްގެ ފަރުބަދަމަތީގެ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން 1990 ވަނަ އަހަރުން ފެށިގެން އެގައުމުގައި 90 އަށް ވުރެ ގިނަ ބޯޓު ވެއްޓިފައި ވެއެވެ. 1992 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސްގެ ފްލައިޓް 268 ކަތަމަންޑޫ ކައިރިން ވެއްޓި އެ ބޯޓުގައި ތިބި 167 މީހުން މަރުވި އެވެ. ހަމަ އެ އަހަރު ތައި އެއާވޭސްގެ ފްލައިޓް 311 އަށް ވެސް މިފަދަ ހާދިސާއެއް ކުރިމަތިވެ 113 މީހުންގެ ފުރާނަ ވަނީ ގެއްލިފަ އެވެ. 2012 ވަނަ އަހަރު އަގްނީ އެއާ ފްލައިޓް ސީއެޗްޓީ ފަރުބަދަ ތަކުގެ ތެރެއަށް ވެއްޓި 15 މީހަކު މަރުވެފައިވެ އެވެ. ޖެހިގެން އައި 2013 ވަނަ އަހަރު ސީޓާ އެއާ ފްލައިޓް 601 އުދުއްސާލިތާ މާގިނައިރުތަކެއް ނުވެ ވެއްޓި 19 މީހުންގެ ފުރާނަ ގެއްލުނެވެ. ދާދި ފަހުން 2016 ވަނަ އަހަރު ތާރާ އެއާގެ ފްލައިޓް 193 ފަރުބަދައެއްގެ މައްޗަށް ވެއްޓި އެ ފްލައިޓްގައި ތިބި 23 މީހުން ވެސް މަރުވެފައިވެ އެވެ. މި ހާދިސާތަކުން ނޭޕާލްގެ އޭވިއޭޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހާމަވެއެވެ.