ނިމިގެންދިޔަ ބައި-އިލެކްޝަނުގައި އެންމެ ގޮނޑިއެއްވެސް ނުލިބުނު އެމްޑީޕީން ، އެޕާޓީގެ ހިންގާ ގަވާއިދާ އެއްގޮތަށް ޕާޓީގެ ނައިބުރައީސްކަމަށް ހިސާން ހުސައިން ހަމަޖައްސަވައިފިއެވެ.
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދުގެ އެދުމުގެ މަތިން އެޕާޓީގެ ނައިބުރައީސް ކަމަށް ކުރީގެ ތުޅާދޫ ދާއިރާގެ މެމްބަރު އަދި ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ ކުރީގެ ރައީސް ހިސާން ހުސައިން އައްޔަންކުރަން ފާސްވީ ޤައުމީ މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުންނެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޢަބްދުﷲ ޝާހިދު ހިސާންގެ ނަން ހުށަހެޅުއްވީ އޭނާއަކީ އެޕާޓީއަށް އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވަމުންދާ މީހަކަށް ވާތީ ކަމަށް ވިދާޅުވިއެވެ. އަދި އެމަގާމަށް އެންމެ އެކަށީގެންވާ މީހަކީ ވެސް ހިސާން ކަމަށް ޝާހިދު ވިދާޅުވިއެވެ.


