އާސެނަލް އިން ބޮލޮގްނާގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ ހޯދުމަށް 42.1 މިލިއަން ޕައުންޑްގެ އެއްބަސްވުމަކާއި ގާތްވެފައިވާކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
ދަ އެތުލެޓިކް އިން ބުނާ ގޮތުގައި އުމުރުން 22 އަހަރުގެ ރިކާޑޯ ކަލަފިއޯރީ ގަނާސް އަށް 42 މިލިއަން ޕައުންޑް (54.3 މިލިއަން ޑޮލަރު) އަށް ބަދަލުވުމަށް ހުރިހާ ކަމެއް ވެސް ވަނީ ހަމަޖެހިފައެވެ.ރިޕޯޓުގައި އިތުރަށް ބުނެފައި ވަނީ އަދިވެސް މެޑިކަލް ޗެކަޕްތައް ހަދަން ޖެހޭ ކަމަށާއި ނަމަވެސް ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށްދާނަމަ، ސެންޓަރ ބެކް އެމެރިކާގައި ޕްރީ ސީޒަންގެ ދަތުރުގައި މިކެލް އާޓެޓާގެ ކުޅުންތެރިންނާ ގުޅިދާނެކަމަށެވެ.
ނިމިގެން ދިޔަ ޔޫރޯ 2024 ގައި ކަލަފިއޯރީވަނީ އިޓަލީގެ ގައުމީ ޓީމަށް މޮޅު ކުޅުމެއް ކުޅެދީ ބޮޑެތި ގިނަ ޓީމުތަކުގެ ޝައުގުވެރިކަން ހޯދާފައެވެ.އެގޮތުން އާސެނަލްގެ އިތުރުން ޔުވެންޓަސް އަދި ސްޕެއިންގެ ރިއަލް މެޑްރިޑްއިންވެސް ވަނީ ކަލަފިއޯރީއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ކަލަފިއޯރީގެ އިތުރުން އެހެނިހެން ބައެއް ކުޅުންތެރިންގެ ސޮއި ހޯދުމަށް އާސެނަލްްއިން ދަނީ މަސައްކަތް ކުރަމުންނެވެ.އޭގެތެރޭގައި ސްޕެއިންގެ މިޑްފީލްޑަރު މިކެލް މެރިނޯ ހިމެނެއެވެ.



